Last Updated: April 25, 20:04
Thursday, April 25, 2024
ދުނިޔެ

އުތުރު ކޮރެއާ އިން ކޮވިޑް ފެނިއްޖެ

އުތުރު ކޮރެއާ އިން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނިއްޖެ އެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ އިން ބުނީ މި "އޮމިކްރޯން" ވޭރިއަންޓްގެ މި ކޭސް ފެނިފައިވަނީ ވެރިރަށް ޕިޔޮންގްޔަންގް އިން ކަމަށެވެ. ނަމަވެސް ފެނުނީ ކިހާ އަދަދެއްގެ ކޭސްތަކެއް ކަމަށް ހާމަކޮށްފައެއް ނުވެ އެވެ.

ކޮވިޑް ފެނުމާ ގުޅިގެން ހުރިހާ ސިޓީއެއް ލޮކްޑައުންކޮށް ބަލި ފެތުރުން ހުއްޓުވުމުގެ ފިޔަވަޅުތައް އެޅުމަށް އެގައުމުގެ ލީޑަރު ކިމް ޖޮންގް އުން އަންގާފައިވާ ކަމަށްވެސް ދައުލަތުގެ މީޑިއާ އިން ބުނެ އެވެ.

ކޮވިޑްގެ އެއްވެސް ކޭހެއް މީގެކުރިން އުތުރު ކޮރެއާ އިން ރިޕޯޓުކޮށްފައި ނުވާއިރު އެ ވާހަކަތައް އެމެރިކާ އަދި ދެކުނު ކޮރެއާ އިން ވަނީ ގަބޫލުކުރަން ދެކޮޅު ހަދާފަ އެވެ. ވަކިން ހާއްސަކޮށް އަވަށްޓެރި ދެކުނު ކޮރެއާ އަދި ޗައިނާ އިން ގިނަ އަދަދަކަށް އޮމިކްރޯންގެ ކޭސްތައް ފެނިފައިވުމަކީ މީގެ އެއް ސަބަބެވެ.

ގާތްގަނޑަކަށް 25 މިލިއަނެއްހާ މީހުން އުޅެމުންދާ އުތުރު ކޮރެއާ އިން މީގެކުރިން ވަނީ ކޮވެކްސް ފެސިލިޓީ އަދި ޗައިނާ އިން ދިނުމަށް މަސައްކަތް ކުރި ވެކްސިން ހޯދުމަށް ވެސް ދެކޮޅު ހަދާފަ އެވެ.