Last Updated: April 23, 16:32
Tuesday, April 23, 2024
ޚަބަރު

ރައީސާއި ބަރުލަމާނީއާ މެދު ދެކޭ ގޮތް އިންތި ވިދާޅެއް ނުވި

އިންތި އެނާގެ ކެމްޕެއިން އިސް މެމްބަރުންނާއެކު

މިހާރު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ދިނުމަށް ތާއިދު ކުރުމާއިމެދުގަޔާއި ރާއްޖެއަށް ބަރުލާމާނީ ނިޒާމެއް ގެނައުމާމެދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީއިންތިއ) ދެކޭ ގޮތް ހާމަ ނުކުރެއްވި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި އިންތިގެ ބަހުސްގައި އެ ސުވާލު އަމާޒުވީ ހަމަ އެކަނި އާއެކޭ ނުވަތަ ނޫނެކޭ ބުނުމުގެ ބައިގައެވެ. އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް ސޯލިހަށް ދެ ވަނަ ދައުރަކަށް ވާދަކުރައްވަން އެމްޑީޕީގެ ޓިކެޓްދޭން ތާއީދުކުރައްވަންތޯ ސުވާލު ކުރެއްވުމުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ އިންތިއަށް ވިދާޅުވީ އެކަން ނިންމާނީ ޕްރައިމަރީއަކުން ކަމަށެވެ.

ބަހުސް ހުށައެޅި ޓީވީ ޕްރެޒެންޓަރ އާމިރު ސަލީމް ތަކުރާރުކޮށް ސުވާލުކުރުމުންވެސް އޭނާ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދު ކުރައްވާކަން ނުވަތަ ނޫންކަން ވިދާޅެއްނުވި އެވެ.

އިންތި:- "އެމްޑީޕީގެ އާސާސީ ގަވައިދުގައި އޮންނަ ގޮތައް ޕްރައިމަރީއެއް އޮންނާނެ"
އާމިރު:- "ޔެސް އޯ ނޯ، އިނގޭތޯ،"
އިންތި:-"ޕްރައިމަރީއެއް އޮންނާނެ"
އާމިރު:- ތާއީދު ކުރައްވަންތޯ ނުވަތަ ނޫންތޯ އިނގޭތޯ؟
އިންތި:-"ޕްރައިމަރީއެއް އޮންނާނެ"
އާމިރު:- އާއެކޭ ނުވަތަ ނޫނެކޭ ޖަވާބެއް ދެއްވަފާނަންތޯ އޭ، ތާއީދުކުރައްވަންތޯ ނުވަތަ ނޫންތޯ
އިންތި:- އަޅުގަނޑުގެ ޖަވާބަކީ ޕްރައިމަރީއެކޭ އޮންނާނީ

އެ ސުވާލަށް އަނެއްކޮޅުން ރައީސް ސޯލިހްގެ ފެކްޝަނުގެ ފައްޔާޒު ވިދާޅުވީ "ގަދަކޮން ތާއިދު ކުރަން"ކަމަށެވެ.

ދެން ތަކުރާރުކޮށްވެސް ސުވާލުކޮށްގެން އިންތި ދެކޭ ވަކި ގޮތެއް ވިދާޅުނުވި އަނެއް ސުވާލަކީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވަން ތޯ ކުރި ސުވާލެވެ. ސުވާލު ތަކުރާރުކުރުމުން ވެސް ދެ ފަހަރަށް އިންތި ވިދާޅުވީ އެކަން ނިންމާނީ އާއްމުންގެ ވޯޓަކުން ކަމަށެވެ. ނަމަވެސް ފައްޔާޒު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އޭނާ ތާއިދުކުރައްވާ ކަމަށާއި ނަމަވެސް ރާއްޖެއަށް އެ ނިޒާމް ގެނައުމަށް ތާއީދު ނުކުރައްވާ ކަމަށެވެ.

އެމްޑީޕީ އެކަނި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެތޯ ސުވާލު ކުރުމުން ފައްޔާޒު ވިދާޅުވީ އަދި އެމްޑީޕީން އެކަނި އިންތިހާބު ކާމިޔާބު ކުރެވޭ ވަރަށް ޕާޓީ ތައްޔާރުނުވާ ކަމަށެވެ. ނަމަވެސް އިންތި ވިދާޅުވީ އެމްޑީޕީން އެކަނި ނިކުމެ ވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށެވެ.

އޭގެ އިތުރުން އިންތިހާބުން ބަލިވެވަޑައިގެންފި ނަމަ ޕާޓީގައި ދެމި ހުންނަވާނަންތޯ އެހުމުން އެ ސުވާލަށްވެސް އާއެކޭ ނުވަތަ ނޫނެކޭ ވިދާޅުވުމުގެ ބަދަލުގައި ވިދާޅުވީ "އިރާދަކުރެއްވިއްޔާ ބައްޔެއްނުވާނެ" ކަމަށެވެ. އަނެއްކޮޅުން ފައްޔާޒު އެ ސުވާލަށް ވިދާޅުވީ "ބަލިވިއަސް މޮޅުވިއަސް" ޕާޓީގައި ދެމި ހުންނާނަން"ކަމަށެވެ.

ފައްޔާޒު އާއި އިންތިއާ ދެ ބޭފުޅުންވެސް އެ ޖަވާބެއް ދެއްވި ސުވާލަކަށް ވީ މި އިންތިހާބަށްފަހު އެހެން ޕާޓީއެއް އުފެދިގެންދާނެތޯ ކުރެވުނު ސުވާލަށެވެ. އެ ބޭފުޅުންވެސް ވިދާޅުވީ އެހެން ޕާޓީއެއް އުފެދިގެން ނުދާނެ ކަމަށެވެ.