Last Updated: April 20, 13:04
Saturday, April 20, 2024
މުނިފޫހިފިލުވުން

އަމީތާބް ދެކެ ކަންގަނާ ހިތްހަމަނުޖެހިއްޖެ

މި މަހު ރިލީޒްކުރާ ބަތަލާ ކަންގަނާ ރަނާވަތުގެ ފިލްމު "ދާކަޅް" ގެ ޓްރެއިލާ ބޮލީވުޑްގެ ތަރި އަމީތާބް ބައްޗަން ޓްވިޓާގައި ޕޯސްޓްކޮށް ހެޔޮއެދުންތައް ފޮނުވިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެ ޑިލީޓްކުރި މައްސަލާގައި ކަންގަނާ ނުރުހުން ފާޅުކޮށްފި އެވެ.

މި މަހުގެ 20 ގައި ސިނަމާތަކަށް ގެންނަ ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން ޓްރައިޑް އެންޑް ރެފިއުޒްޑް ޕްރޮޑަކްޝަންސްގެ ޔޫޓިއުބް ޗެނެލަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ބުނީ އަމީތާބް ފަދަ ޝަހުސިއްޔަތަކު އެފަދަ ކަމެއް ކުރީ ކާކު ޕްރެޝަރާ ހެދި ކަމެއް ނޭނގޭ ކަމަށެވެ.

"ޓްރެއިލާ ޕޯސްޓްކުރިތާ ދިހަ ވަރަކަށް މިނިޓް ތެރޭގައި އަމީތާބް ވަނީ އެ ޑިލީޓްކޮށްލާފައި. އެވަރުގެ ޝަހުސިއްޔަތަކު އެފަދަ ކަމެއް ކުރީ އެއްގޮތަކަށް ވެސް ކާކުގެ ޕްރެޝަރާ ހެދި ކަމެއް އަހަންނަކަށް ނޭނގޭ،" އަބަދު ވެސް ވަރަށް ފާޅުކަން ބޮޑުކޮށް ވާހަކަ ދައްކާ ބަތަލާ ބުންޏެވެ. "އަމީތާބްގެ އެ އަމަލު އަހަންނަށް ގަބޫލު ވެސް ކުރަން ދަތި ކަމަކަށްވީ."

ކަންގަނާ ބުނި ގޮތުގައި ބޮލީވުޑްގެ މީސްމީހުން އޭނާއާ ދޭތެރޭ އެފަދަ ގޮތްގޮތަށް ކަންކަން ކުރުމަކީ ހައިރާންވާ ކަމެއް ވެސް ނޫނެވެ. އަދި ބައެއް މީހުން އޭނާއާ މެދު ވަރަށް ޖެހިލުންވާ ކަމަށް ވެސް ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ހުނަރުވެރި ބަތަލާ ބުންޏެވެ.

"ބޮލީވުޑްގެ ބައެއް މީހުންނަކީ އަހަންނާ މެދު ޒާތީ ގޮތުން ނުރުހޭ އެ މީހުން. އަދި އަހަންނާ ބެހޭ ގޮތުން އެެއްޗެއް ބުނެލަން ބައެއް ތަރިން ބޭނުން ނުވަނީ އެ މީހުން ވެސް އިންޑަސްޓްރީން ބޮއިކޮޓްކޮށްފާނެ ކަމުގެ ބިރަށްޓަކައި." އަބަދު ވެސް ބޮލީވުޑްގެ ނުފޫޒި ގަދަ މީހުންނަށް ބަހުގެ ހަމަލާތައް ދޭ ކަންގަނާ ބުންޏެވެ.

"ދާކަޅް" ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އިރު، މިއީ ކަންގަނާގެ ވަރުގަދަ އެކްޝަން ރޯލެއް ފެންނާނެ ފިލްމެކެވެ. އަދި ޓްރެއިލާ އަށް ވަރަށް ގިނަ ތައުރީފުކޮށްފައިވެ އެވެ. "ދާކަޅް" ގެ ލަވަތަކުގެ ތެރެއިން "ޝީ އިޒް އޮން ފަޔާ" އާންމުކުރުމާ އެކު އޭގެ ޖާދޫގައި ވެސް ވަރަށް ގިނަ ބަޔަކު ޖެހިފައިވެ އެވެ.