Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ކާށިދޫ ބޭރުގައި ފުރަތަމަ ފަހަރަށް މަސްކަނދުފައްޗެއް، އެންމެ އުފަލުންފޮޅިފައި

ކާށިދޫ ބޭރުގައި އަޅާފައިވާ ކަނދުފަތި

ކ.ކާށިދޫ ބޭރުގައި އަލަށް މަސް ކަނދުފައްޗެއް އަޅައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުގެ ތެރެއިން ހިމެނޭ ކަމަކަށްވާތީ އެ ވައުދު ފުއްދުމުގެ ގޮތުން ކާށިދޫއަށް ކަނދުފައްޗެއް އިއްޔެ އަޅާދީފައިވާ ކަމަށެވެ. މި މަސްކަނދު އަޅާފައިވަނީ ކާށިދޫގެ އުތުރުން 4.5 މޭލު ބޭރުގައެވެ.

ރައީސް ސޯލިހް 2018 ވަނަ އަހަރު ރިޔާސީ ކެމްޕެއިނަށް ކާށިދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ގިނަ ބަޔަކު ވަނީ އެރަށު ބޭރުގައި ކަނދުފައްޗަށް އަޅައިދޭން އެދިފަ އެވެ. އެހެންވެ އެމަނިކުފާނު ވަނީ އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކާށިދޫއަކީ ދަނޑުވެރިކަމަށް ބަރޯސާވެފައި އޮންނަ ރަށަކަށްވީ ނަމަވެސް އެރަށުގައި މަސްވެެރިކަންކުރަން ބޭނުންވާ ބައެއް މީހުން އުޅެ އެވެ. އަދި ކާށިދޫ ބޭރުގައި އިއްޔެ ކަނދުފަތި އެޅުމާގުޅިގެން އެރަށުގައި އެކަން ފާހަގަކުރުމުގެ ގޮތުން ކައުމެއް ބާއްވައި އުފާ ފާޅުކޮށްފައިވެއެވެ.

ކާށިދޫ ބޭރުގައި މަސްކަނދު އެޅުމުން އެކަމުގެ އުފަލުގައި ބޭއްވި ކެއުމުގެ ތެރެއިން

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިއީ އެދާއިރާގެ އެމްޑީޕީގެ ރައީސްގެ އަބްދުﷲ ރިއްފަތުގެ ވަރަށް ބޮޑު މަސައްކަތަކާއެކު ސަރުކާރުގެ ތެރެއިން ކުރެވުނު ކަމެއް ކަމަށެވެ. އަދި ރައީސް ސޯލިހަށް އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި އެކަން އެރަށުގެ ގިނަ ބަޔަކު އުފަލުން ބަލައިގަންނަ ކަމަށް އެމީހާ ބުންޏެވެ. އޭގެ އިތުރުން އެރަށުން ވާހަކަ ދެއްކި އާއްމު މީހަކު ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ކާށިދޫ ބޭރުގައި ކަނދުފަތިއެޅުމަށް ތައްޔާރުވުމަށްފަހު ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުވުމުން ކަނދުފަތި އެޅުމަށް ގެނައި ސާމާނު އަނބުރާ ގެންދިޔައީ ކަމަށެވެ.

"ވަރަށް ގިނަ ބަޔަކަށް ގަބޫލުކުރަން އުނދަގޫވި މިކަން ކޮށްފާނެ ކަމަށް، އެއީ މީގެ ކުރިން ކަންވެފައިވާ ގޮތުން. އެހެން ނަމަވެސް އަޅުގަނޑަށް ރައީސް ސޯލިހް ޔަގީންކަން ދެއްވި އެމަނިކުފާނުވެވަޑައިގެންނެވި ވައުދާ އެއްގޮތައް އެކަން ކުރައްވާނެ ކަމަށް. ވަރަށް އުފާކުރަން ކާށިދޫގެ އެހާ ގިނަ ބައެއްގެ އަދި އެހާ ދުވަސްވީ ހުވަފެނެއް ހަގީގަތަކަށް ހަދާދެއްވީތީ، އެކަމަށްޓަކައި ވަރަށް ބޮޑަށް ރައީސަށް ޝުކުރު އަދާކުރަން،" ކާށިދޫ ދާއިރާގެ އެމްޑީޕީގެ ރައީސް އަބްދުﷲ ރިއްފަތު ވިދާޅުވި އެވެ.

ކާށިދޫގެ އިތުރުން އެހެން ބައެއް ހިސާބުތަކުގައިވެސް މަސްކަނދުފަތި އެޅުމަށް އިއްޔެ ވަނީ ތައްޔާރުވެފައި އެވެ.