Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

ޑެޕަށް އާ ފިލްމެއް، އެކަމަކު ހޮލީވުޑަކުން ނޫން

ގެވެށިއަނިޔާގެ ތުހުމަތަކާ އެކު ކައިވެނި ރޫޅި އަދި އެކަމާ ހެދި ގާނޫނީ މައްސަލަގަނޑެއްގެ ތެރޭގައި މިހާރު ވެސް އުޅޭ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯނީ ޑެޕަށް ގިނަ ދުވަސްތަކެއް ފަހުން އާ ފިލްމަކުން ފުރުސަަތު ލިބިއްޖެ އެވެ.

ގެވެށިއަނިޔާގެ ތުހުމަތުތަކާ ގުޅިގެން ފިލްމީ ކެރިއަރު ވާނުވާގައި އޮތް އެކްޓަރު އާ ފިލްމަކަށް ސޮއިނުކުރާތާ ތިން އަހަރެއްހާ ދުވަސް ފަހުން ފުރުސަތު ލިބިފައި ވަނީ ފްރާންސްގެ ފިލްމަކުންނެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ މަހުގެ ތެރޭގައި ފްރާންސްގައި ޝޫޓިން ވެސް ފެށުމަށް ތައްޔާރުވަމުން އަންނަ މި ފިލްމަކީ ފްރާންސްގެ ޑައިރެކްޓަރު މެއިވެން ހަދާ ޕީރިއަޑް ޑްރާމާއެކެވެ. އަދި މިގައި "ޕައިރޭޓްސް އޮފް ކެރީބިއަން" ގެ ބަތަލު ކުޅޭނީ ފްރާންސްގެ ރަސްކަލެއް ކަމަށްވާ ލުއީ 15 ގެ ރޯލެވެ. "ލުއީ ދަ ބިލަޑްވް" ގެ ނަމުން މަޝްހޫރުވި ލުއީ އަކީ 59 އަހަރު ވަންދެން ފްރާންސްގައި ރަސްކަންކުރި ރަސްކަލެކެވެ.

"ޖިއާން ޑޫ ބެރީ" ގެ ނަން ދީފައިވާ މި ފިލްމު ރަސްމީކޮށް އިއުލާންކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 17 ގައި ފަށާ 75 ވަނަ ކާންސް ފިލްމު ފެސްޓިވަލްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންވެ ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޑެޕް، 58، އެންމެ ފަހުން ފެނިފައި ވަނީ އޭނާ ޕްރޮޑިއުސް ވެސް ކޮށް، ކުޅުނު 2020 ގެ "މިނަމާޓާ" އިންނެވެ. ގެވެށިއަނިޔާގެ ތުހުމަތާ އެކު ޑެޕްގެ ކެރިއަރަށް އެރި ލޮޅުމުގެ ތެރޭގައި އޭނާ ކުޅެމުން އައި "ފެންޓާސްޓިކް ބީސްޓް" ގެ ތިން ވަނަ ފިލްމު ވެސް ގެއްލި، "ޕައިރޭޓްސް އޮފް ކެރީބިއަން" ސީރީޒުން ފުރުސަތު ގެއްލުން ހިމެނެ އެވެ.

ފްރާންސްގެ ފިލްމަކަށް ޑެޕް ސޮއިކުރި އިރު، އޭނަ އާއި ކުރީގެ އަންހެނުން ބަތަލާ އެމްބާ ހާޑްގެ ގާނޫނީ "ކުޅިގަނޑު" މިހާރު ވެސް ދަނީ ކޯޓްގައި ހިނގަމުންނެވެ.