ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އޭނާގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ގައުމުން ބޭރަށް ފުރުން މަނާކޮށް ލަންކާގެ ކޯޓަކުން އަމުރެއް ނެރެފި އެވެ.
ލަންކާގެ ވެރިރަށް ކޮލަމްބޯގެ ފޯޓް މެޖިސްޓްރޭޓް ކޯޓުން މަހިންދަ އާއި ނަމާލްގެ އިތުރުން ލަންކާގެ ވެރިކަން ކުރާ ޕޮޑުޖުނާ ޕެރަމުނާ (އެސްއެލްޕީޕީ) އަށް ނިސްބަތްވާ ބައެއް ސިޔާސީ މީހުން ވެސް ފުރުން ވަނީ މަނާކޮށްފަ އެވެ.
އެ ކޯޓުން މި އަމުރު ނެރުނީ ލަންކާގައި މިދިޔަ ހޯމަ ދުވަހު ސުލްހަވެރިކަމާއެކު ކުރަމުންދިޔަ މުޒާހަރާ ކުރަމުންދިޔަ ފަރާތްތަކަށް އެސްއެލްޕީޕީ އަށް ތާއީދުކުރާ ފަރާތްތަކުން ހަމަލާދިނުމުން ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. މި މައްސަލަ އެ ކޯޓަށް ހުށަހެޅީ ލަންކާގެ އެޓާނީ ޖެނެރަލްގެ ފަރާތުންނެވެ.
މިދިޔަ ހޯމަ ދުވަހު ލަންކާގެ ރައީސް އޮފީސް ބޭރުގައި ޓެންޓު ޖަހައިގެން ތިބި މުޒާހަރާގެ ބައިވެރިންނަށް ރައީސް ގޮޓާބަޔާ ރާޖަޕަކްސަގެ ސަޕޯޓަރުން ހަމަލާދިން ހިސާބުން މުޒާހަރާ ހޫނުވިއިރު އެ ފަރާތްތަކަށް ހަމަލާދިނުމަށް ދަގަނޑު ހޮޅިބުރި އާއި ލަޓިބުރި ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ދެ ފަރާތުގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކުގައި 8 މީހަކު މަރުވެފައިވާއިރު 130 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފަ އެވެ. އެ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ރާޖަޕަކްސަގެ ދެ ގެއެއްގައި ވަނީ އަލިފާން ވެސް ރޯކޮށްލާފަ އެވެ.
ލަންކާގައި ހަމަނުޖެހުން ބޮޑުވެ ވެރިރަށް ކޮލަމްބޯގައި ކާފިއު ވެސް އިއުލާންކޮށްފައިވެ އެވެ. ނަމަވެސް މިއަދު ހެނދުނު 7:00 އިން ފެށިގެން ކާފިއު ވަނީ އުވާލާފަ އެވެ.
ލަންކާގައި މިވަގުތު އޮތީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފަ އެވެ.