Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ޓޫރިޒަމް އެވޯޑްގެ ޓްރޮފީ ފަރުމާކުރަން ހުޅުވާލައިފި

މި އަހަރުން ފެށިގެން ދޭން ނިންމާފައިވާ "މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް" ގެ ޓްރޮފީ ފަރުމާކުރަން މުބާރާތެއް ކުރިއަށް ގެންދަން ނިންމައި، އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ މުބާރާތުން އެއް ވަނަ އަށް ހޮވޭ ޓްރޮފީއަކަށް 50،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށެވެ. މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 26 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ޓޫރިޒަމް މިނިސްޓްރީގެ ގްރެފިކް ޑިޒައިނަރު ހަސަން ސައީދުގެ ނަމްބަރު 9977333 އަށް ގުޅައިގެން ހޯދޭނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޓްރޮފީއެއް ހޮވަން މާކްސް ދިނުމުގައި މައިގަނޑު ތިން ކަމަކަށް ބެލޭނެ އެވެ. އެގޮތުން ފަރުމާގެ ނަލަކަމަށް 50 ޕަސެންޓް، ރާއްޖޭގެ ޓޫރިޒަމް ރަމްޒުކޮށްދޭ މިންވަރަށް 30 ޕަސެންޓް އަދި ޓްރޮފީ ތައްޔާރުކުރަން ފަސޭހަވުމަށް 20 ޕަސެންޓްގެ މާކްހެއް ދެވޭނެ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ވެސް މި އަހަރު ފުރުމާ ގުޅިގެން ތައާރަފުކުރާ "މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް" ގައި ހިމެނެނީ އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަންތައްތައް ފަހިކޮށްދިނުމަށް ދޭ ހަތަރު އެވޯޑަކާއި ދިވެހި ފަންނާނުން ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ތިން އެވޯޑަކާއި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ އެވޯޑެކެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެވޯޑްތަކަށް ކުރިމަތިލާން އަންމަ މަހުގެ ތެރޭގައި ހުޅުވައިލާނެ އެވެ.