Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ޕައިލެޓް ކޯސް ފުރިހަމަކުރަން ލޯނަށް ހުޅުވާލައިފި

އައްޑޫގައި ކުރިން ހިންގަމުން އައި ފްލައިން ސްކޫލްގައި ޕައިލެޓް ކޯސް ހަދަމުން ދިޔަ ދަރިވަރުންގެ ތެރެއިން މޯލްޑިވްސް އޭވިއޭޝަން އެކަޑެމީގައި ކޯހުގެ ބާކީ ފުރިހަމަކުރާ ދަރިވަރުންނަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލޯނަށް ކުރިމަތިލެވޭނީ މި މަހުގެ 17 ގެ ކުރިންނެވެ. އަދި މި ލޯނަށް ކުރިމަތިވޭނީ މޯލްޑިވްސް އޭވިއޭޝަން އެކަޑެމީގައި ކޯހުގެ ބާކީ ބައި ފުރިހަމަކުރުމަށް ހަދަން ޖެހޭ ރިފްރެޝާ ޕްރޮގްރާމްގައި ރަޖިސްޓްރީވެފައިވާ ދަރިވަރުންނަށެވެ.

އެހެންވެ ލޯނަށް އެޕްލައިކުރާ އިރު އެކަމާ ގުޅޭ ލިޔުން ވެސް ހުށަހަޅަން ޖެހޭނެ އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 3026987 އާއި 3026927 ގެ އިތުރުން 3026924 ނަމްބަރަށް ގުޅައިގެން ވެސް ހޯދޭނެ އެވެ.

ލޯނުގެ އުސޫލުގައި ބުނެފައިވާ ގޮތުގައި ލޯނު ދޫކުރާނީ ރިފްރެޝާ ޕްރޮގްރާމްގެ ފީއަށްވާ 1،500 ޑޮލަރަށްވާ ދިވެހި ރުފިޔާ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ދޫކުރަން ނިންމާފައި ވަނީ 25،000-250،0000ރ. އާ ދެމެދުގެ ލޯނުތަކެވެ. އަދި ނަގާ ލޯނުގެ ދައްކައި ނިންމަން ޖެހެނީ ލޯނުގެ ނިސްބަތަށް ރިއާޔަތްކޮށް ދީފައިވާ ޓައިމްލައިންގެ ތެރޭގަ އެވެ. އެގޮތުން ނަގާ ލޯނިގެ ނިސްބަތުން ދައްކައި ނިންމަން 30-240 މަހާ ދެމެދުގެ މުއްދަތެއް ލިބޭނެ އެވެ.

ހަޔާ އެޑިއުކޭޝަނުން ހުޅުވާލި މި ލޯނު ހާއްސަކޮށްފައި މި ވަނީ ކުރިން ސްރީ ލަންކާގެ އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ގަމުގައި ހިންގި ފްލައި ސްކޫލް ހުއްޓާލި އިރު، ރާއްޖޭގައި އަލަށް އުފެއްދި މޯލްޑިވްސް އޭވިއޭޝަން އެކަޑެމީގެ ރިފްރެޝާ ޕްރޮގްރާމަށް ރަޖިސްޓްރީވެފައިވާ ދަރިވަރުންނަށެވެ.

މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސޓީ (އެމްއެންޔޫ) ގުޅިގެން މޯލްޑިވްސް އޭވިއޭޝަން އެކެޑެމީ އުފެއްދައި ދެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޯބަރު 14، 2021 ގަ އެވެ. އޭވިއޭޝަން އެކަޑެމީގެ ފްލައިން ސްކޫލް ގަމުގައި އޮޕަރޭޓްކުރަނީ ޗެކްރިޕަބްލިކްގެ ފްލައި ސްކޫލުންނެވެ.

އެތަނުގެ ކޯސްތަކުގެ އަގުތަކަށް ބަލާ އިރު، އިންޓަގްރޭޓެޑްކޮށް ކިޔަވާ ދަރިވަރުންގެ ކޯހުގެ ފީ އަކީ 58،007 ޑޮލަރު 894،468ރ. އެވެ. އަދި މޮޑިއުލާކޮށް، ކިޔަވާ ނަމަ ފީ އަކޯީ 59،626 ޑޮލަރު 919،433ރ. އެވެ.