Last Updated: March 28, 17:21
Thursday, March 28, 2024
މުނިފޫހިފިލުވުން

ކެވިން ސްޕޭސީގެ ކެރިއަރު އިޔާދަވަނީ!

ޖިންސީ ގޯނާގެ އެތައް ތުހުމަތަކާ ގުޅިގެން މީގެ ފަސް ވަރަކަށް އަހަރު ކުރިން ހޮލީވުޑުން އެކަހެރިކުރި މަޝްހޫރު އެކްޓަރު ކެވިން ސްޕޭސީ އަށް އަނެއްކާ ވެސް އާ ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން "ލުއޯމޯ ޗި ޑިޒެންގޯ ޑިއޯ" ކިޔާ އިޓަލީގެ ފިލްމަކުން ވެސް ފުރުސަތު ލިބުނު 62 އަހަރުގެ އެކްޓަރު ސޮއިކުރި އާ ފިލްމަކީ ހިސްޓޮރިކަލް ޑްރާމާއެއްގެ ގޮތުގައި ހަދާ "1242: ގޭޓްވޭ ޓު ދެ ވެސްޓް" އިންނެވެ. ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ޑެޑްލައިނުން ބުނި ގޮތުގައި މި ފިލްމަކީ އިނގިރޭސިވިލާތާއި ހަންގޭރީގެ އިތުރުން މޮންގޯލީގެ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން ހަދާ އެއްޗެކެވެ.

އެ ނޫހުން ބުނި ގޮތުގައި މި މަހުގެ 17 ގައި ފަށާ 75 ވަނަ ކާންސް ފިލްމު ފެސްޓިވަލްގައި "1242: ގޭޓްވޭ ޓު ދެ ވެސްޓް" ރަސްމީކޮށް، އިއުލާންކޮށް، އޭގެ ޑިސްޓްރިބިއުޝަނަށް ޝައުގުވެރިވާ ސްޓޫޑިއޯތަކަށް އެ ފުރުސަތު ހުޅުވައިލާނެ އެވެ.

ޑެޑްލައިބުން ބުނީ ހަންގޭރީގެ ޕީޓާ ސޫސް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހަންގޭރީ އާއި މޮންގޯލިއާގައި ފަށާނެ ކަމަށެވެ. "1242: ގޭޓްވޭ ޓު ދެ ވެސްޓް" ގެ ކާސްޓްގައި އެރިކް ރޮބަޓްސް، ކްރިސްޓޮފާ ލަމްބާޓް، ޓެރެންސް ސްޓޭމްޕް އަދި ފަންނާނުންތަކެއް ކަމަށްވާ ޖެރެމީ ނިއުމާކް-ޖޯންސްގެ އިތުރުން ޖެނެވީވް ފްލޮރެންސް ހިމެނެ އެވެ.

ޖިންސީގެ ގޯނާގެ އެތައް ތުހުމަތެއް، އެތައް ފިރިހެންގެ ފަރާތުން ފެންމަތިވެ "އެމެރިކަން ބިއުޓީ" އާއި "ދި އަންޔޫޝުއަލް ސަސްޕެކްޓްސް" އާއި "އެލްއޭ ކޮންފިޑެންޝަލް" އަދި "ބޭބީ ޑްރައިވާ" ފަދަ މަޝްހޫރު އެތައް ފިލްމެއް ކުޅެފައިވާ ސްޕޭސީގެ މައްޗަށް އެންމެ ފުރަތަމަ ޖިންސީ ގޯނާގެ ތުހުމަތު 2017 ގައި ކުރީ އެކްޓަރު އެންތަނީ ރެޕެވެ. އޭނާ ބުނެފައިވާ ގޮތުގައި ސްޕޭސީ އޭނާއާ ބެހުނީ އުމުރުން 14 އަހަރުގައި 1986 ގަ އެވެ. އެކަމަކު އެ ތުހުމަތާ ގުޅިގެން ސްޕޭސީ ބުނީ އެފަދަ ކަމެއް ހިނގިކަން ހަދާން ނެތް ކަމަށެވެ.

ފަހުން ސްޕޭސީގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކުރި މީހުންގެ ތެރޭގައި ސްޕޭސީ ވަރުގަދަ ރޯލެއް ކުޅުނު ނެޓްފްލިކްސްގެ ސީރީޒް "ހައުސް އޮފް ކާޑްސް" ގެ ބައެއް އެކްޓަރުން ހިމެނެ އެވެ. އެ މައްސަލައާ ގުޅިގެން ސްޕޭސީ އެ ސީރީޒުން ވެސް ވަކިކުރި އެވެ.

މިފަދަ އެތައް ތުހުމަތުތަކަކާ އެކު ކެރިއަރަށް އެޅުނު ހިޔަންޏާ އެކު އޭނާ އަށް އެތައް ފުރުސަތެއް ގެއްލި ހޮލީވުޑުން އެކަހެރިކުރި އެވެ. އަދި ކުޅެ ނިމިފައި އޮތް 2017 ގެ ފިލްމު "އޯލް ދަ މަނީ އިން ދަ ވޯލްޑް" ގައި ވެސް ސްޕޭސީ ނުހިމަން ނިންމައި ފިލްމު ރިލީޒްކުރީ، އޭނާ ކުޅުނު ކެރެކްޓާ ކްރިސްޓޯފާ ޕްލަމާ ލައްވައި ކުޅުވައިގެންނެވެ.

ސްޕޭސީގެ ފިލްމަކަށް އެންމެ ފަހުން ރިލީޒްކުރި ފިލްމަކީ 2018 ގެ ބައޮގްރަފިކަލް ކްރައިމް ޑްރާމާ "ބިލިއަނާ ބޯއިޒް ކުލަބް" އެވެ.