Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

މިދިޔަ މަހު ލިބުނު އާމްދަނީ 14.7 ޕަސެންޓް އިތުރު

މިރާ، ފޮޓޯ: އަވަސް

މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 14.7 ޕަސެންޓް އިތުރު ވެފައިވާ ކަމަށް މީރާއިން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް 1.63 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 14.7 ޕަސެންޓް އިތުރު އަދަދެއް ކަމަށްވާއިރު މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 45.8 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު، ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވުމާއި، އެއަރޕޯޓް ޓެކުހާއި ފީ ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާއެކު އާމްދަނީއަށް ލިބިފައިވާ ކުރިއެރުމެވެ. އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ (ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ)ގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިފައިވުމާއެކު ޖުމުލަ އާމްދަނީއަށް ލިބުނު ކުރިއެރުމަކީ ވެސް އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާ އިން ބުނެ އެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 977.88 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީއިންނެވެ. އެއީ 153.60 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 124.72 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 87.25 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 76.71 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 210.12 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ މަހު މީރާ އަށް ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 72.65 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.