Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ބޮޑު ހިޔާނާތުގެ ފައިސާ ހޯދުމުގެ ނިޔަތެއް ނެތް

ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް -- ފޮޓޯ / މަޖިލިސް

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ހޯދުމުގެ ނިޔަތެއް މި ސަރުކާރުގެ ނެތް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ މީހުންގެ އަސްލު ލިސްޓު ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އުޝާމް ވިދާޅުވީ ބޮޑު ހިޔާނާތުގެ ވާހަކައަކީ މި ސަރުކާރުންނާއި އެމްޑީޕީން ސިޔާސީ ފައިދާއަށް ދައްކާ ވާހަކައެއްކަން ފައްޔާޒުގެ ވާހަކަތަކުން އެނގިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ލިސްޓު ނެރެނީ އެބަޔަކު ބޭނުންވާ ނަންތަކެއް ހިމަނައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންސާފުވެރިކަމާއެކު މައްސަލަ ބަލައި، ގެއްލުނު ރައްޔިތުންގެ ފައިސާ ހޯދުމުގެ ހެޔޮ ނިޔަތެއް މިސަރުކާރުގެ ނެތް" އުޝާމް ވިދާޅުވި އެވެ.

ރޭ "ސަންގު ޓީވީ" އިން ގެނެސްދިން އެމްޑީޕީގެ ޗެއާޕާސަން ބަހުސްގައި ވާހަަކަ ދައްކަމުން ފައްޔާޒު ވިދާޅުވީ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަން ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަންގެ ރައީސަކަށް ހުންނެވި އަހުމަދު އައްސަދު މިހާރު ހުންނެވީ އޭނާގެ ވާދަވެރިޔާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ޓީމުގައި ކަމަށާއި އެ ތަހުގީގަށް ކުރިއެރުން ނުލިބުނު ނަމަ އެއީ އިންތިގެ ޓީމުގެ ކަމެއް ކަމަށެވެ.

މި ސަރުކާރުން އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމުގެ ޝައުގެއް ނުގެންގުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ފައްޔާޒު ވަނީ ރައްޔިތުންގެ މަޖިލީހުން ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓެއް ނެރުނީ ބައެއް ފަރާތްތައް އުނިކުރުމަށްފަހު ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނެރެފައި އޮތް ލިސްޓު އުނިކޮށްގެން މަޖިލީހުން ނެރުނީ. އޭގެ ފުރިހަމަ ލިސްޓު ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ހާމަކުރާނަން." ފައްޔާޒު ވިދާޅުވި އެވެ.