Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

ކާފަދަރިޔަކު ހޯދައި ނުދީގެން ދަރިފުޅަށް ދައުވާކޮށްފި

އިންޑިއާގެ ދެމަފިރިއަކު އެ މީހުންގެ ހަމައެކަނި ދަރިފުޅުގެ ކައިވެންޏަށް ހަ އަހަރުވީ އިރު ވެސް ކާފަ/މާމަ ކިޔާނެ ދަރިޔަކު ހޯދައި ނުދީގެން ދައުވާކޮށްފި އެވެ.

މީޑުއިތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ އުތުރާކަންދުގެ އަވަށަކަށް ނިސްތަބްވާ ސަންޖީވް ޕްރަސާދު، 61، އާއި އަންހެނުން ސާދުވާ ޕްރަސާދު، 57، އެ މީހުންގެ ފިރިހެން ދަރިފުޅު ޝްރޭ ސާގަރު، 35، އާއި އޭނަގެ އަންހެނުން ޝުބާންގީ ސިންހާ، 31، އަށް ދައުވާކުރަން ނިންމީ ކައިވެންޏަށް ހަ އަހަރު އަހަރުވީ އިރު ވެސް، ކާފަ/މާމަދަރިޔަކު ހޯދައި ދީފައި ނުވާތީ އެކަމަކީ ނަފުސާނީ ގޮތުން ވެސް އެ މީހުންނަށް ދޭ އަނިޔާއެއް ކަމަށް ބުނެ އެވެ.

އެހެންވެ މި މައްސަލާގައި ފިރިހެން ދަރިފުޅާއި ޅީދަރިފުޅަށް ދައުވާކޮށް ބުނެފައި ވަނީ އަހަރެއްގެ ތެރޭގައި އެ ދެ ދެމަފިރިން ދަރިޔަކު ނުހޯދައިފި ނަމަ ބަދަލު ހޯދަން ވެސް ބޭނުންވާ ކަމަށެވެ. ޕްރަސާދު ބުނި ގޮތުގައި އެ މީހުންނަށް ލިބުނު ހަމައެކަނި ދަރިފުޅު ޝްރޭ ބަލައި ބޮޑުކޮށް ކިޔަވައިދީ، މީހަކާ ވެސް ދެވީ އާއިލާ އަށް އުފާވެރިކަން ގެނެސްދޭނެކަމުގެ އުންމީދުގަ އެވެ.

އެކަމަކު މާމަ/ކާފަ ކިޔާނެ ކުއްޖަކަށް ކުރެވޭ އުންމީދު ފިރިހެން ދަރިފުޅާއި އޭނަގެ އަންހެނުން ހަގީގަތަކަށް ހަދައި ނުދިނުމަކީ ވަރަށް ބޮޑު އަނިޔާއެެއް ކަމަށާއި އެ މީހުން ދަރިޔަކު ހޯދަން އެއްވެސް ވަރަކަށް ނޫޅޭ ކަމަށް ބުންޏެވެ. ޕްރަސާދު ބުނީ އުންމީދުކޮށްގެން ތިބި އެ މީހުން ރިޓަޔާކުރާ އިރު، އެކީގައި ކުޅެ، މަޖާކުރާނެ ކާފާ/މާމަ ކިިޔާނެ ކުއްޖަކު އާއިލާގައި ހުންނާނެ ކަމަށެވެ.

ޕްރަސާދު ބުނީ އެމެރިކާ އަށް ފޮނުވައިގެން ބޮޑު ހަރަދުކޮށްގެން ޕައިލެޓަކަށް ހަދައި އޭގެ ފަހުން އޭނަގެ ކައިވެންޏާއި ކައިވެނީގެ އަގުބޮޑު ހަދިޔާ އާއި ހަނީމޫން ދަތުރަށް ވެސް އާއިލާ އިން ބޮޑު ހޭދައެއްކޮށްފައި ވާނެ އެވެ. އޭނާ ބުނީ ދަރިފުޅުގެ ޕައިލެޓް ކޯހަށް ވެސް 65،000 ޑޮލަރު ހޭދަކޮށްފައިވާ ކަމަށާއި ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި 80،000 ޑޮލަރުގެ ކާރެއްގެ އިތުރުން ގައުމުން ބޭރުން ހަނީމޫން ދަތުރެއް ވެސް ދީފައިވާނެ ކަމަށެވެ.

ޕްރަސާދުގެ ދެމަފިރިންގެ ވަކީލު އޭކާ ސްރިވަސްތާވް ވިދާޅުވީ ދަރިފުޅާއި ޅީދަރިފުޅަށް ދައުވާކުރަން ކުރަން ނިންމީ ނަފުސާނީ ގޮތުން ދޭ އަނިޔާތަކާ ހެދި ކަމަށެވެ.

"އެ ދެމަފިރިންގެ ވަރަށް ބޮޑު ހުވަފެނެއް މުސްކުޅިވީ ދުވަހު އުފާކޮށްދޭނެ ކާފަ/މާމަދަރިން ތިބުމަކީ. އެކަމަކު ދަރިފުޅު އެކަމަކާ އެއްވެސް ވަރަކަށް ނޫޅޭތީ ދައުވާކުރީ." އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ހަރިދުވާދުގެ ކޯޓެއްގައި މި މަހުގެ 17 އަށް ވަނީ ތާވަލުކޮށްފަ އެވެ.