Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ބަހުސްތަކުން އެނގެނީ އެމްޑީޕީ ކުފޫހަމަނުވާކަން

މާދަމާ ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ބަހުސްތަކުން އެނގެނީ އެމްޑީޕީ އަކީ ހެޔޮވެރިކަމުގެ ކަންފުޅެއް ވެސް ނެތް ވެރިކަމަށް ކުފޫ ވެސް ހަމަނުވާ ބަޔަކު ތިބި ޕާޓީއެއްކަން ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވި އެވެ.

ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާ އެކު ރޭ ސަންގް ޓީވީ ގެނެސްދިން ބަހުސާއި ބުދަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން ބަހުސްތަކުގައި އެ ބޭފުޅުން ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވައި މަލީހު މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ބަހުސްތަކުން ފަޅާއަރަނީ އެމްޑީޕީގެ ވައްކަމާ ކޮރަޕްޝަން ކަމަށެވެ.

"ގުޑް ގަވަނަންސްގެ ކަންފުޅެއް ނެތްކަން. ވެރިކަމަށް ކުފޫ ހަމަ ނުވާކަން. މަޖިލިސް މެޖޯރިޓީގެ ނާޖާއިޒު ފައިދާ ނަގަމުންދާކަން. ހައްލަކީ އެމްޑީޕީއަށް ނޫނެކޭ ބުނުން." އޭނާ ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އެންމެ ފުރަތަމަ ބޭނުންފުޅުވީ ފައްޔާޒްގެ އިތުބާރު ނެތްކަުގެ ވޯޓެއް ނަގައި ބޭރުކުރަން ކަމަށެވެ.

"އެހެނަސް ފަޔާ ސަލާމަތްކުރާނެ ކަމަށް އެންމެ ފަހު ވަގުތު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު. އެ ހިސާބުން މަޑުޖެހުނީ. ރައީސް ނަޝީދު ގޮތް ދައްކާލަން އެޕްރޮސެސްތެރޭ އެމްއާރުއެމް އަދާލަތު މިނިސްޓަރަކާ ޖޭޕީ މިނިސްޓަރުންތަކެއް ވަކިކުރި،" އޭނާ ވިދާޅުވި އެވެ. "ރައީސް އިބޫ މިނިސްޓަރު ފަޔާ ބޭނުންކުރައްވައިގެން ރައީސް ނަޝީދުގެ ސިޔާސީ ހަޔާތް ކަފުން އެކުރައްވަނީ ދިރިތިބީންނަށް އިބުރަތަކަށް ވާ ގޮތަށް. ރައީސް ނަޝީދުއަށް އޮތީ އާ ޕާޓީއެއް ހެދުން."