Last Updated: March 28, 18:00
Thursday, March 28, 2024
މުނިފޫހިފިލުވުން

ނީޓޫގެ ފިލްމުގެ ޕޯސްޓަރުތަކެއް

ފިރިމީހާ މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރް މަރުވި ފަހުން، އަންހެނުން ނީޓޫ ސިންގް ކުޅުނު ފުރަތަމަ ފިލްމު "ޖުގް ޖުގް ޖިއޯ" ގެ ޕޯސްޓަރުތަކެއް މިއަދު ދައްކާލައިފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ރާޖް މެހެތާ ޑައިރެކްޓްކޮށްފައިވާ މި ރޮމޭންޓިކް ކޮމެޑީގެ ސްޓިލް ޕޯސްޓަރުތަކެއްގެ އިތުރުން މޯޝަން ޕޯސްޓަރެއް ވެސް އާންމުކޮށްފައިވެ އެވެ. ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 24 ގަ އެވެ. މި ފިލްމަކީ 2019 ގެ ކާމިޔާބު ފިލްމު "ގުޑް ނިއުސް" އަށް ފަހު ރާޖް ބެލުންތެރިންނަށް ގެނެސްދޭ ފިލްމެވެ.

އެކްޓަރު ރަންބީރް ކަޕޫރްގެ މަންމަ ނީޓޫގެ އިތުރުން "ޖުގް ޖުގް ޖިއޯ" ގެ ކާސްޓްގައި އަނިލް ކަޕޫރާއި ވަރުން ދަވަނާއި ކިއާރާ އަދުވާނީ ވެސް ހިމެނެ އެވެ. ކައިވެނީގެ ގުޅުންތަކެއްގެ ވާހަކަ ކިޔައިދޭނެ މި ފިލްމުގައި ނީޓޫ އާއި އަނިލް ފެންނާނީ ވަރުންގެ މައިންބަފައިންގެ ރޯލުންނެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި މަޝްހޫރު ހޯސްޓް މަނީޝް ޕޯލް އާއި ޕްރަޖަކްތާ ކޯލީގެ އިތުރުން އެމްޓީވީގެ "ރޯޑީސް" އިން މަޝްހޫރުވި ވަރުން ސޫދު ހިމެނެ އެވެ.

"ޖުގް ޖުގް ޖިއޯ" އާ ނީޓޫ، 63، ބޮޑު ސްކްރީނުން ބެލުންތެރިންނާ ބައްދަލުކުރަނީ ފިލްމެއްގެ މަސައްކަތްނުކުރާތާ ނުވަ އަހަރު ފަހުންނެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ ރިޝީ އާއި ރަންބީރް ވެސް ކާސްޓްގައި ހިމެނުނު 2013 ގެ "ބޭޝަރަމް" އެވެ.

ނީޓޫ އަކީ މިހާރު ކަލާޒް ޗެނެލުން ގެނެސްދޭ "ޑާންސް ދީވާނޭ ޖޫނިއާ" ގެ ޖަޖެއް ވެސް މެ އެވެ.