Last Updated: April 19, 22:45
Saturday, April 20, 2024
މުނިފޫހިފިލުވުން

ސަލްމާންގެ އާއިލާ އިން އިތުރު ވަރިއެއް!

ބައެެއް މީހުން ބުނެފާނެ އެވެ؛ އެކްޓަރު ސަލްމާން ޚާން ކައިވެނިނުކޮށް ހުރިކަން މާ ރަނގަޅެވެ. އޭނަގެ ދެ ފިރިހެން ކޮއްކޮއިންގެ
ތެރެއިން އެކްޓަރު އަރްބާޒް ޚާނާއި މަލައިކާ އަރޯރާގެ ކައިވެނި ރޫޅިއްޖެ އެވެ. އެ ކައިވެނި 2017 ގައި ރޫޅުނީ ދަރިޔަކު ވެސް ލިބިފައިވެ އެވެ. އެވެ. އެއީ މިހާރު 19 އަހަރުގެ އަރުހާން ޚާނެވެ.

މަލައިކާ މިހާރު އުޅެނީ އޭނަ އަށް ވުރެ 11 އަހަރު ހަގު އެކްޓަރު އަރުޖުން ކަޕޫރާ ރައްޓެހިވެގެންނެވެ. އެކަމަކު މި ފަހަރު މިއޮތީ އެ ވާހަކައެއް ނޫނެވެ. އާ ވާހަކަ އަކީ ސަލްމާންގެ ހަގު ފިރިހެން ކޮއްކޮ ސުހައިލް ޚާންގެ ކައިވެނި ވެސް މިހާރު ރޫޅުމުގެ މަގުމަތީގައި އޮތް ކަމެވެ. އޭނަ އާއި އަންހެނުން ސީމާ ޚާންގެ 24 އަހަރުވީ ކައިވެނި ރޫޅައިލަން މިހާރު ވަނީ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.

ކޯޓަށް މައްސަލަ ވެއްދުމަށް ފަހު މިއަދު ދެ މީހުން ކޯޓުން ނުކުމެގެން ދަނިކޮށް މީޑިއާތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނެވެ. ސުހައިލާ ސީމާގެ ކައިވެނި ރޫޅައިލަން ނިންމި ނަމަވެސް ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ސުހައިލް އާއި ސީމާ އަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ ނިރުވާން ޚާން، 21، އާއި ޔޯހަން ޚާން، 11، އެވެ.

ފިލްމީ އާއިލާއެއްގެ ތެރޭގައި އުޅުނަސް ސީމާ އަކީ ފިލްމީ ތަރިއެއް ނޫނެވެ. އަދި ފިލްމީ ކަންކަމާ އުޅޭ މީހެއް ވެސް ނޫނެވެ. އެކަމަކު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ނެޓްފްލިކްސް އަށް ގެނެސްދިން ސީރީޒް "ފެބިއުލަސް ލައިވްސް" ގައި ސީމާ އަކީ މުހިއްމު ބައިވެރިއެކެވެ. އޭގައި ދައްކުވައި ދިނީ ބޮލީވުޑްގެ އެކްޓަރުންތަކެއްގެ އަނބިންގެ "ޕޮޝް" ލައިފްސްޓައިލެވެ.

ސުހައިލާއި ސީމާ ވަރިވާން ނިންމި އިރު، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ބަތަލާ ހުމާ ގްރޭޝީ އާއި ސުހައިލާ ދެމެދު ހާއްސަ ގުޅުމެއް އޮތްކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އެކަމަކު ހުމާ މިހާރު އުޅެނީ ޑައިރެކްޓަރު މުދައްސަރް އަޒީޒްއާ ރައްޓެހިވެގެންނެވެ.

ސަލްމާންގެ ކުރިމަތީގައި ކޮއްކޮއިންގެ ކައިވެނިތައް ރޫޅޭ އިރު އޭނާގެ ހިތަށް ވެސް ހަމަ އަރާނެދޯ އެވެ؟ ކައިވެނިނުކޮށް ހުރެވުނުކަން މާ ރަނގަޅެވެ.