Last Updated: April 18, 16:36
Thursday, April 18, 2024
ރިޕޯޓް

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު: ދެ ރައީސުން ކުރިމަގު ބަލާނެ ދުރުމި

މިއަދު ކުރިއަށްދާނީ އެމްޑީޕީގެ ޗެއާޕާސަންކަމަށް މީހަކު ހޮވުމަށް ބާއްްވާ އިންތިހާބެވެ. އެހެން ނަމަވެސް މީގެ ތިން މަސްކުރިން ފެށިގެން ކުރަމުން އައި ކެމްޕެއިންގައި ފެނުނީ ރިޔާސީ އިންތިހާބެއްގައިވެސް ކެންޑިޑޭޓަކު ނުކުރާހާ މަސައްކަތް މި އިންތިހާބުގައި ވާދަކުރައްވާ ދެެ ކެންޑިޑޭޓުން ކުރެއްވިތަނެވެ. މި އިންތިހާބަކީ ބައެއް މީހުން ދެކޭ ގޮތުގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ އެންމެ އިސްލީޑަރ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މުހިންމު އިންތިހާބެކެވެ.

އިންތި އަކީ ރައީސް ނަޝީދު، ފައްޔާޒު އަކީ ރައީސް ސޯލިހް؟
އެމްޑީޕީގެ ފާއިތުވި 17 އަހަރުގެ ތެރޭގައި އެކި ފަހަރު ޗެއާޕާސަންކަން އެކި ބޭފުޅުން ކުރެއްވީ ހަމަ އިންތިހާބަކަށް ކުރިމަތިލައްވައިގެން މެމްބަރުންގެ ވޯޓުންނެވެ. ނަމަވެސް މިހާ ވާދަވެރިކަން އެ އިންތިހާބުތަކުން ފެނިފައިނުވާއިރު ގިނަ ފަހަރު އެ މަގާމަށް މެމްބަރުން ހޮވިފައި މީގެ ކުރިން ތިބީ އެންމެ ބޭފުޅަކު ކުރިމަތިލައްވައިގެނެވެ. އެހެން ނަމަވެސް މިފަހަރު އެހެން ނުވި ގިނަ ސަބަބުތައް އެބަ ހުއްޓެވެ. އެންމެ ބޮޑު ކަމަކީ ބައެއް މީހުންގެ ނަޒަރުގައި މި އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އަކީ އަންނަ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ރައީސް ނަޝީދުގެ ދެ ވަނަ ސޫރައެވެ. ނޫން ނަމަ އެއީ ހަމަ ރައީސް ނަޝީދުގެ "ޕަޕެޓެކެވެ."އެވެ. އެގޮތައް ބުނެވޭ އެންމެ ބޮޑު ސަބަބަކީ މި އިންތިހާބުގެ ކެމްޕެއިން ތެރެއިންނާއި އޭގެ ކުރިން މަޖިލިސް ޖަލްސާތަކުގައި އިންތިގެ ބަސްމަގެވެ. ނަޝީދުގެ ފެކްޝަނުގައި އެންމެ އިސް އެކަކީ އިންތިކަން އެއީ އާއްމުންނަށް ފާޅުކަން ބޮޑުގޮތެއްގައި ފެންނަ ހަގީގަތަކަށްވާއިރު އަނެއްކޮޅުން ރައީސް ނަޝީދުގެ އާއިލީ ބޭފުޅުން ގެންދަވަނީ އިންތިއަށް ކެމްޕެއިން ކުރައްވަމުންނެވެ.

މި އިންތިހާބުގެ ކެމްޕެއިންގައި ތަކުރާރުކޮށް އިންތި ދެއްކެވީ ރައީސް ނަޝީދަށް ދިން ހަމަލާ ނުބެލި އޮތްވާހަކައާއި ސަރުކާރަށް ކޮރަޕްޝަނުގެ ތުހްމަތު ކުރެވޭ ވާހަކައެވެ. މިއީ ހަމަ ނަޝީދުވެސް ތަކުރާރުކޮށް ދައްކަމުންދާ ވާހަކަ އެވެެ. އިންތިހާބަށް ފަހު ރައީސް ނަޝީދު ޕާޓީން ވަކިކޮށްފާނެ ކަމަށްޓަކައިވެސް އޭނާއަށް ވޯޓުދިނުމަށް އިންތި އާދޭހާއެކު އެދެމުންދިޔަ އެވެ.

ފައްޔާޒު ވިދާޅުވާ ގޮތުން އޭނާ އެ ހުންނެވީ ރައީސް ސޯލިހު ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން އެމްޑީޕީގެ ޓިކެޓްދޭން އޭނާ ހުންނެވީ "ގަދައަށް" ތާއީދުކޮށްގެނެވެ. އަދި އޭނާއަށް ތާއީދުކުރަންވީ އެންމެ ބޮޑު ސަބަބަކީވެސް ރައީސް ސޯލިހާއެކު އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށް ގެންދެވީ ވިދާޅުވަމުންނެވެ. އެއީ މި ސަރުކާރުގެ ބާރުގަދަ ވަޒީރެކެވެ. އޭނާ އެ މަގާމަށް ވަޑައިގަތުމަށްޓަކައި ދައްކަވާ ކޮންމެ ވާހަކައަކީ އަދި ކުރެއްވި ކަމަކީ ރައީސް ސޯލިހްގެ ފުރިހަމަ ތާއީދާއެކު ކުރެއްވި ކަމެއް ކަމަށް މެމްބަރުން ޝައްކެތްނުކުރެ އެވެ. މި ސަރުކާރުގެ ވަޒީރުންނާއި ރައީސް ސޯލިހްގެ އާއިލީ ބޭފުޅުންނައި އަރިސް ބޭފުޅުން ތިއްބެވީ މި އިންތިހާބުގައި ފައްޔާޒު ހޮވަން "ފޫގަޅާފައި"އެވެ. ފައްޔާޒު ވިއްކަމުން ގެންދެވީ ސަރުކާރުގެ ކާމިޔާބު ސިޔާސަތުތަކެވެ.

އެގޮތައް ބަލާއިރު އާއްމު މެމްބަރުންގެ ބޮޑު ޕަސަންޓެއް ބިނާވާނީ ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ތާއީދު އޮތް ގޮތައްކަމަށް ބެލެވެއެވެ. ރައީސް ނަޝީދު ޕާޓީން ވަކިކޮށް ބާކީކުރިޔަ ނުދިނުމަށް އާއްމު މެމްބަރުންގެ ތެރެއިން ގިނަ ބަޔަކު ވޯޓުލާނެ އެވެ. އެއީ އެ ސަބަބަށްޓަކައި ވޯޓުލުމަށް އިންތިގެ ކެމްޕެއިން ތެރެއިން އިވިފައިވާތީ އެވެ. އަދި އެހެންމެ ރައީސް ނަޝީދު އަލުން އަނބުރާ ވެރިކަމަށް ގެނައުމަށް ތާއީދުކުރާ ގިނަ ބަޔަކު މި އިންތިހާބުގައި އިންތިއަށް ވޯޓުލާން ކަމަށް ބެލެވެ އެވެ.

މި އިންތިހާބަށް ކުޑަތަންވެފައިވަނިކޮށް ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް އަމާޒުކޮށް މިދިޔަ އަހަރު ދިން ޓެރަރިސްޓް ހަމަލާގެ ތަހްގީގަށް ރައީސް ސޯލިހް އަންގަވައިގެން ފައްޔާޒުގެ ފެކްޝަނުގައި ހިމެނޭ ބޭފުޅުން ހުރަސް އެޅުއްވި ކަމަށް ވިދާޅުވެފަ އެވެ.

ފައްޔާޒުއަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނު ރައީސް ސޯލިހަށާއި މެމްބަރުންނަށް ކުރައްވާ ތުހްމަތަކީ މިއަދުގެ މި އިންތިހާބަށް ނުފޫޒު ފޯރުވޭތޯ ކުރައްވާ ކަމެކެވެ. އަދި އެހެން މެމްބަރަކު ވިދާޅުވި ގޮތުން އެއީ މި އިންތިހާބާ ދިމާކޮށް "އެމަނިކުފާނު ކުޅުއްވާ ކާޑެކެވެ."

ފާޅުގައި މި އިންތިހާބުގައި އެއްވެސް ރައީސަކު ވަކި ކެންޑިޑޭޓެއްގެ ކެމްޕެއިނަށް ނިކުމެވަޑައިނުގެންނެވި ނަމަވެސް ރައީސް ނަޝީދު މި އިންތިހާބުގެ ވޯޓަށް ބައެއް ބޭފުޅުންނަށް ގުޅުއްވި ކަމަށް އަޑުތައް ފެތުރެނެވެ. އަދި އެމަނިކުފާނު ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށް މީހުން ދެކުނު މިހާރުގެ އެންވަރުމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ފައްޔާޒުއަށް ތާއީދުކުރައްވަން ނިންމެވުމުން ރައީސް ނަޝީދު ވިދާޅުވި ފާޑުކިޔުމަކީ އެމަނިކުފާނު ދެކޭ ގޮތް ނުސީދާކޮން ހާމަކުރުން ކަމަށް މެމްބަރުން ގަބޫލުކުރެ އެވެ.

އެހެންމެ ރައީސް ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މި އިންތިހާބާ ރައީސް ނަޝީދާ ވަރަށް ބޮޑު ގުޅުމެއް ވާކަމަށް ވިދާޅުވެފަ އެވެ.

&;&;އަޅުގަނޑުމެން ގާތު ބައެއް މީހުން އެބަ ބުނޭ މިއީ އިންތިހާބެެއް ނޫންހޭ ރައީސް ނަޝީދާ ގުޅުމެއް ނެތެއް ނޫންހޭ، އެއީ އަމިއްލަ ނަފުސަށް އޮޅުވާލަނީ މި އިންތިހާބަށް ކުރިމަތިލީ ސުރެ އަޅުގަނޑުމެނަށް އެބަ ފެނޭ އިދިކޮޅު ފަރާތުން ކަނޑައެޅިގެން ރައީސް ނަޝީދާ ދިމާލަށް އަންނަތަން. މި އިންތިހާބަށް ކުރިމަތިލީ ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުގައިވެސް ރައީސް ނަޝީދަކީ އަސްލު ބްރޯ އޭ ބްރޯ ބްރޯ ކިޔާފައި އިންތިހާބަށް ކުރިމަތިލެެއްވީވެސް،" ކުޅުދުއްފުށީ ސިޓީގައި ބޭއްވި އިންތިގެ ކެމްޕެއިން ބައްދަލުވުމެއްގައި އިވާ ވިދާޅުވި އެވެ.&;/&;

ފައްޔާޒުގެ އަމާޒަކީ ރައީސް ނަޝީދު ކަމަށް ވިދާޅުވެ އަންނަ އަހަރު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން އީވާ ތަކުރާރު ކުރެއްވީވެސް އިންތިގެ މި ޖަލްސާގަ އެވެ. އަދި ރައީސް ނަޝީދު ބާކީކޮށްލާން މަސައްކަތް ކުރައްވަނީ ޕްރައިމަރީގައި ވާދަކުރައްވާނެތީ ކަމަށް ވިދާޅުވެ ރައީސް ނަޝީދަށް ތާއީދުކުރާ މީހަކީ އިންތިކަމަށް މި ޖަލްސާގައި މެމްބަރުންނަށް އީވާ ވިސްނާ ދެއްވި އެވެ.

ރައީސް ސޯލިހް އިތުރު ރިޔާސީ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް އަދި އިއުލާން ކުރައްވާފައިނުވި ނަމަވެސް ފައްޔާޒުގެ ޓީމުން ވިއްކަމުން ގެންދަނީ ސަރުކާރުގެ ކާމިޔާބީތަކެވެ. ކެމްޕެއިންގެ ޓީމުން ބުނަމުންދަނީ ފައްޔާޒުއާއެކު ތިބީ ރައީސް ސޯލިހް ދެ ވަނަ ދަައުރަކަށް ހޮވަން ބޭނުންވާ މީހުން ކަމަށެވެ. އެކަން ފައްޔާޒުވެސް ގެންދިޔައީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އޭނާއަށް ވޯޓުދޭންވީ އެއް ސަބަބަކީ ރައީސް ސޯލިހް ރިޔާސީ ދައުރަކަށް އިންތިހާބުކުރުން ކަމަށް ތަކުރާރުކޮން ގެންދެވީ ވިދާޅުވަމުންނެވެ. އެހެން ކަމުން މި ސަރުކާރަށް ތާއީދުކޮށް އިތުރު ދައުރެއް ރައީސް ސޯލިހަށް ދިނުމަށް ތާއީދުކުރާ އާއްމު މެމްބަރުންގެ ބޮޑު އިންސައްތައެއްް ވޯޓުލާނީ ފައްޔާޒުއަށް ކަމަށް ބެލެވެއެވެ.

މި އިންތިހާބު ފައްޔާޒު ބޮޑު ފަރަގަކުން ކާމިޔާބުކޮށްފިނަމަ ހަމަ އެ ޓީމާއެކު ރައީސް ސޯލިހު ނިކުންނަވައި އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވިދާނެ ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. ކެމްޕެއިން ތެރޭގައި ފައްޔާޒުއަށް ކަމަށްހަދާ އިންތިގެ ޓީމުން ކުރި ތުހްމަތުތަކަކީ ރައީސް ސޯލިހް ޕްރައިމަރީއަށް ނިކުންނެވުމުންވެސް އެމަނިކުފާނާ ދެކޮޅަށްވެސް ކުރާންހުރި ތުހްމަތުތައް ކަމަށްބެލެވެ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކާއި މަރުގެ މައްސަލަތައް މި ސަރުކާރަށް ނުބެލުމުނު ކަމަށާއި އެމްޑީޕީން ވީ ގިނަ ވައުދުތައް ނުފުއްދުނު ކަމަށް ބުނެ މި ކެމްޕެއިންގައި އެ ދެއްކި ވާހަކަތަކަކީ ރައީސް ސޯލިހާ ދެކޮޅަށްވެސް ދައްކާނެ ވާހަކަތަކެވެ. އެހެން ކަމުން މި އިންތިހާބުގައި ފައްޔާޒު މިއަދު ކުރިހޯއްދަވައިފި ނަމަ އެ ވާހަކަތަކުން ނަޝީދުގެ ޓީމަށް ފަހުންވެސް ކުރާނެ މާބޮޑު ފައިދާއެއް ނޯންނެ ކަމަށް ބެލުމުގެ ފުރުސަތު އޮންނާނެ އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ / ރައީސް އޮފީސް

މި އިންތިހާބު އިންތި މިއަދު ކާމިޔާބުކޮށްފި ނަމަ އެއީ ސަރުކާރުން ވީ ވައުދުތައް ނުފުއްދުމާއި އެމްއެމްޕީއާރުސީގެ މައްސަލަތައް ނުބެލި އޮތުމުގެ ނަތީޖާކަމަށް ބެލުމުގެ ފުރުސަތު އިންތިގެ ޓީމަށް އޮންނާނެއެވެ. އަދި ރައީސް ރައީސް ސޯލިހަށް ވުރެ ބޮޑަށް ރައީސް ނަޝީދަށް އެމްޑީޕީ ތެރޭގައި ތާއިދު އޮތްކަން މި އިންތިހާބުން ސާފުވެއްޖެ ކަމަށް ފަހުން ބުނާނެ ކަމަށް ބެލެވެއެވެ. އަދި ރައީސް ނަޝީދު ތާއީދުކުރާ ކެންޑިޑޭޭޓަކީ ކޮބައިކަން ރައީސް ސޯލިހް ތާއީދުކުރައްވާނެ ކެންޑިޑޭޓަކީ ކޮބައިކަން ނޭނގޭނެ މީހަކު ނުހުންނާނެ އޭ ބުނާވަރަށް މައްސަލަަތައް ތިލަވެފައިވާއިރު އިންތިގެ ކާމިޔާބީއަކީ ރައީސް ނަޝީދުގެ ކާމިޔާބީ ކަމަށް ދެކޭނެ އެވެ. އަދި ޕްރައިމަރީއަކަށް ރައީސް ނަޝީދަށް އުއްމީދު ބޮޑުވެގެންދާނެ އެވެ. އިންތި މި އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބު ކޮށްފިނަމަ ރައީސް ސޯލިހަށް ޕްރައިމަރީ ފަސޭހަ ނުވާނެ ކަމަށްބަލައި ޕްރައިމަރީގެ ޓިކެޓް އެހެން ގޮތަކަށް ޕާޓީން ކަށަވަރުކުރަން މެމްބަރުން އުޅުއްވުކީވެސް ވެދާނެ ކަމެއް ކަމަށް ބައެއް މީހުން ދެކެ އެވެ.

އެހެން ކަމުން މި އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުން ނަމަވެސް ކުޑަތަންވަމުން އަންނަ ރިޔާސީ އިންތިހާބުގައި ކުރިއަށް ވަޑައިގަންނަވާނެ ގޮތެއް ކަނޑައަޅަން މި އިންތިހާބުގެ ނަތީޖާ ދެ ރައީސުންވެސް ބޭނުންކުރައްވާނެ އެވެ. އަދި އެ ދެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ވޯޓު މި ނަތީޖާއިން އަންދާޒާ ކުރައްވާނެ އެވެ.