Last Updated: May 30, 19:17
Tuesday, May 30, 2023
ވިޔަފާރި

ޓްވިޓާ ގަތުމާ މެދު އީލޮން ދެވަނަ ވިސްނުމަކަށް!

ވިޓާ ގަތުމުގެ ރަސްމީ އެއްބަސްވުމާ ހަމައަށް ދިއުމާ މެދު މަހުޖަނު އީލޮން މަސްކް ދެވަނަ ވިސްނުމަކަށްވަޑައިގަންނަވަން ނިންމައިފި އެވެ.

މިދިޔަ މަހުގެ ތެރޭގައި 44 ބިލިއަން ޑޮލަރަށް އެ ގަތުމަށް ހުށަހެޅުއްވުމުން، ޓްވިޓާ އޭނާ އަށް ވިއްކައިލަން ނިންމައި އެކަމާ ގުޅޭ ގޮތުން ރަސްމީ ގޮތުން ފުރިހަމަކުރަން މަރުހަލާތަކުގެ ތެރޭގައި އުޅެނިކޮށް ޓްވިޓާ ބައްލަވައިގަތުން މަޑުޖައްސާލައިވާ ކަމަށް އީލޮން ވިދާޅުވި އެވެ. އޭނާ އެގޮތަށް ނިންމަވައި އެކަމާ ބެހޭ ގޮތުން ޓްވީޓް ވެސް ކުރެއްވީ ޓްވިޓާ އަށް ވަންނަ އާމްދަނީގެ ތެރޭގައި ފޭކް އެކައުންޓްތަކުން ވެސް ލިބޭ އާމްދަނީ ވެސް ޝާމިލުވާތީ އެވެ. އަދި އެފަދަ އެކައުންޓްތަކުގެ ނިސްބަތް ފަސް ޕަސެންޓަށް އަރާ ކަމަށް ވެސް ބުނެފައިވެ އެވެ.

މިކަމާ ހެދި ޓްވިޓާ ބައްލަވައިގަންނަވަން ހުށަހެޅުއްވި އަގަކީ ވެސް އެއަށް ހައްގުވާ މިންވަރެއްތޯ އީލޮން ސުވާލު އުފައްދަވާފައިވެ އެވެ. އޭނާ ޓްވިޓާ މިލްކުރެއްވުމާ މެދު މިހާރު ދެވަނަ ވިސްނުމަކަށް ވަޑައިގެންނެވި އިރު ޓްވިޓާގެ ބޯޑުން އެކަމާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ޓްވިޓާ ބައްލަވަައިގަންނަވަން ހުށަހެޅުއްވީ ޓްވިޓާގެ 9.2 ޕަސެންޓް ހިއްސާ 2.89 ބިލިއަން ޑޮލަރަށް ބައްލަވައިގަތްތާ ވެސް ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.