Last Updated: April 25, 11:25
Thursday, April 25, 2024
މުނިފޫހިފިލުވުން

95 ވަނަ އޮސްކާ އެވޯޑަށް ތާރީހެއް

ފިލްމީ ދާއިރާ އިން ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އޮސްކާގެ 95 ވަނަ އެވޯޑް ހަފުލާގެ ތާރީހު އިއުލާންކޮށްފި އެވެ.

އެ އެވޯޑް އިންތިޒާމުކުރާ އެކަޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސެސް (އޭއެމްޕީއޭއެސް) އިން ހުކުރު ދުވަހު ބުނީ އަންނަ އަހަރު ބާއްވާ 95 ވަނަ އޮސްކާ އެވޯޑް ހަފުލާ އޮންނާނީ އަންނަ އަހަރުގެ މާޗް މަހުގެ 12 ގައި ކަމަށެވެ. އޭބީސީ ނެޓްވޯކާ ގުޅިގެން ގެނެސްދޭ ހަފުލާ އަންނަ އަހަރުގެ މާޗަށް ތާވަލުކުރި މިއީ ޖެހިޖެހިގެން މާޗް މަހަށް ހަފުލާ ތާވަލުކުރި ދެވަނަ ފަހަރެވެ.

މި އަހަރު ބޭއްވި 94 ވަނަ އޮސްކާ އެވޯޑް ހަފުލާ އޮތީ މާޗް މަހުގެ 27 ގަ އެވެ.

އޭއެމްޕީއޭއެސް އިން ބުނީ އަންނަ އަހަރުގެ އޮސްކާ އަށް ފިލްމުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނީ މި އަހަރުގެ ނޮވެމްބަރު 15 ގައި ކަމަށެވެ. އަދި ހުށަހަޅާ އުފެއްދުންތަކަށް ދޭ ޕްރިލިމިނަރީ ވޯޓިން ޑިސެމްބަރު 12 ގައި ހުޅުވާލައި، ކެޓަގަރީތަކުން ޝޯޓްލިސްޓްވާ އުފެއްދުންތައް އިއުލާންކުރާނީ ޑިސެމްބަރު 21 ގަ އެވެ.

އޮސްކާ އަށް ހުށަހަޅާ އުފެއްދުންތަކުގެ ނޮމިނޭޝަންތައް އިއުލާންކުރާނީ ޖެނުއަރީ 24 ގަ އެވެ.

މި އަހަރުގެ އޮސްކާ އެވޯޑްސްގެ މޮޅު ފިލްމަކީ ކޮމެޑީ ޑްރާމާ "ކޯޑާ" އެވެ.