Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަށައިފި

އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ފޯރި ގަދަ އަދި ވާދަވެރި ކެމްޕޭނަށް ފަހު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު މިއަދު ފަށައިފި އެވެ.

މި އިންތިހާބުގެ ވޯޓުލުން ހެނދުނު 9:00 ގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފެށި އިރު، ވޯޓްލުން ހަވީރު 4:00 ހަމައަށް ކުރިއަށް ދާނެ އެވެ. އެމްޑީޕީގެ ކުރިމަގު ދެން ބައްޓަންވެގެންދާނެ ގޮތް ކަނޑައެޅިގެން ދާނެ މި އިންތިހާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

މި ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ މެދުގައި ވެސް ބޮޑު ވާދަވެރިކަމެއް އޮތް އިރު، ފައްޔާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރުހުން އޮތް ކެންޑިޑޭޓެވެ. އަދި އިންތި އަކީ ކުރީގެ ރައީސް މުހައްމަދު ނާޝީދު ވާގިދެއްވާ ކެންޑިޑޭޓެވެ.

އެހެންވެ ގިނަ ބަޔަކު ދެކޭ ގޮތުގައި މި ޗެއާޕާސަންގެ އިންތިހާބަކީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ސިޔާސީ ކުރިމަގު ވެސް ބައްޓަންކޮށްދޭނެ އިންތިހާބަކަށް ވާނެ އެވެ.

ޗެއާޕާސަންގެ އިތުރުން މިއަދު ޕާޓީގެ ބައެއް އެހެން ދެ މަގާމަކަށް ވެސް މީހުން އިންތިހާބުކުރާނެ އެވެ. އެގޮތުން 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާފައިވާ އިރު، ޗެއާޕާސަން ހޮވަން 94،211 މެމްބަރުންނަށް ވޯޓުލާނެ އެވެ. އަދި އަންހެނުންގެ ރޫހަށް 41،027 މެމްބަރުންނަށް ވޯޓުލެވޭ އިރު، ޔޫތު ވިންގަށް 32،057 މެމްބަރުންނަށް ވޯޓްލެވޭނެ އެވެ.

ޖުމްލަ 272 ވޯޓް ފޮށި ބަހައްޓާފައިވެ އެވެ.