Last Updated: March 29, 02:52
Thursday, March 28, 2024
ދުނިޔެ

ހަނދުން ގެނައި ވެލީގައި މުޑުވައްކޮށްގެން ނަތީޖާ!

ހަނދުން ގެނައި ވެލީގައި ފުރަތަމަ ފަހަރަށް މުޑުވަށްކޮށްގެން ނަތީޖާ ނެރެފި އެވެ.

މުޑުވައްކުރި ވެއްޔަކީ އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން 1969-1972 އަށް ކުރިއަށް ގެންދިޔަ އެޕޯލޯ މިޝަންގެ ތެރޭގައި ހަނދުން ގެނައި ކުޑަ ވެލިކޮޅެއްގެ ތެރެއިން ބައެއްގައި ކުރު މުޑުވަކެވެ. އެ ި މުޑުވައްކޮށް ކުރިތާ ދެ ދުވަހުގެ ތެރޭގައި ގަސް ފެޅި އެވެ. މިއީ ހަނދުން ގެނައި ވެލީގައި މިފަދަ ތަޖުރިބާއެއްކުރި ފުރަތަމަ ފަހަރެވެ.

މި މަސައްކަތުގައި އިސްކޮށް އުޅުއްވި އެމެރިކާގެ ފްލޮރިޑާ ޔުނިވަސިޓީގެ ޕްރޮފެސަރު އަނާ-ލީސާ ޕޯލް ވިދާޅުވީ ހަނދުން ގެނައި ވެލީގައި މުޑުވައްކުރިތާ ދެ ދުވަހުގެ ތެރޭގައި ގަސް ފެޅި ނަމަވެސް ހައެއްކަ ދުވަހުގެ ތެރޭގައި ފެޅި ގަސްތަކުގެ ހެދިބޮޑުވުން ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށެވެ.

ހަނދުން ގެނައި ވެލީގެ އިތުރުން އާދައިގެ ވެލީގައި ވެސް އެއް ބާވަތެއް މުޑުވައްކުރި އެވެ.

"ފުރަތަމަ ހަ ދުވަހު ދެ ވެލީގައި ގަސްތައް ހަމަ އެއްކަހަލަ ގޮތަކަށް ހުރީ. އެކަމަކު އޭގެ ފަހުން ހަނދުން ގެނައި ވެލީގައި ފެޅި ގަހުގެ ހާލަތު މަޑުމަޑުން ބަދަލުވަމުން ގޮސް ބޮޑުވުން ވަރަށް ބޮޑަށް ލަސްކޮށްދާކަން ފާހަގަކުރެވުނީ." އަނާ ވިދާޅުވި އެވެ.

ނަމަވެސް މި ނަތީޖާ އަކީ ހަނދާއި މާސް ފަދަ ތަންތަންތުގައި ކާބޯތަކެތި އުފެއްދިދާނެތޯ ކުރަމުން އަންނަ ދިރާސަތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ވިދާޅުވީ ދިގު މުއްދަތުގެ ރާސްތާއަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"މި ނަތީޖާ އިން ދައްކުވައި ދެނީ ހަނދާއި މާސްގެ ރިސޯސްތައް ބޭނުންކޮށްގެން ޖައްވުގައި ކާނާގެ ބާވަތްތައް އުފައްދައި އޭގެ ސަބަބުން އެސްޓްރޮނޯޓުންނަށް ބޭނުންވާ ކާނާ އެތަންތަނުން ހޯދިދާނެކަން." 2025 ގައި އަލުން އިންސާނުން ހަނދަށް ފޮނުވަން ކުރާ މަސަައްކަތްތަކަށް ވެސް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި އެވެ.

ނާސާގެ އެސްޓްރޮނޯޓަކުންތަކެއް ހަނދުން ދުނިޔެ އަށް 1969 ގައި ގެނައީ 382 ގްރާމްގެ ވެއްޔެވެ. އަދި ފްލޮރިޑާ ޔުނިވަސިޓީގައި ތަޖުރިބާކުރަން ދިނި އޭގެ ތެރެއިން އެންމެ ގްރާމެއްގެ ވެއްޔެވެ.