Last Updated: April 18, 21:24
Thursday, April 18, 2024
މުނިފޫހިފިލުވުން

"ދި އާޗީސް" ގެ ފުރަތަމަ ޕޯސްޓަރު މިއޮތީ

ޑައިރެކްޓަރު ޒޯޔާ އަޚްތަރު ހަދަމުން އަންނަ މިއުޒިކަލް ޑްރާމާ "ދި އާޗީސް" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.

މިދިޔަ މަހުން ފެށިގެން ޝޫޓިން ކުރިއަށްދާ މި ފިލްމަކީ ހުޅަނގުގެ މަޝްހޫރު ކޮމިކް ވާހަކަ އާޗީ އަށް ބިނާކޮށް އެކަމަކު އިންޑިއާވަންތަކޮށް ހަދާ އެއްޗެކެވެ. ނެޓްފްލިކްސްއާ ގުޅިގެން ހަދާ ފިލްމު ބިނާކޮށްފައި އޮންނާނީ 1960 ގެ ތެރެއަށެވެ. މި އެންމެ ހާއްސަވާ ކަމަކީ ބޮލީވުޑްގެ މަޝްހޫރު ތަރިންތަކެއްގެ ދަރިންތަކެއް އެކްޓިން އަށް ނުކުންނާތީ އެވެ.

އޭގެ ތެރެއިން އެކަކީ އާޗީގެ ކެރެކްޓާ ކުޅޭ، އަމީތާބް ބައްޗަންގެ ކާފަދަރި އަގަސްޓިއާ ނަންދާ އެވެ. ވެރޯނިކާ އަކީ ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު ހުޝީ ކަޕޫރެވެ. ބެޓީ އަކީ ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާނެވެ. މި ތިން މީހުންނާ އެކު "ދި އާޗީސް" އިން ޒުވާން ބޮޑު ކާސްޓެއް ފެންނާނެ އެވެ. ފިލްމުގެ ފުރަތަމަ ޕޯސްޓަރުގައި ވެސް އިތުރު ކާސްޓުންތަކެއް ދައްކާލާފއިވެ އެވެ.

ބެލުންތެރިންނަށް އަންނަ އަހަރު މި ގެނެސްދޭން ނިންމާފައި އޮތަސް އަދި ވަކި ތާރީހެއް ހާމައެއްނުކުރެ އެވެ. "ދި އާޗީސް" އަކީ 2019 ގެ "ގަލީ ބޯއި" އަށް ފަހު ޒޯޔާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.