Last Updated: April 27, 09:26
Saturday, April 27, 2024
ވިޔަފާރި

އައިފޯނަށް ޔޫއެސްބީ-ސީ ޕޯޓް ގެންނަނީ

އެޕަލް އިން މިހާރު ޔޫއެސްބީ-ސީ ޕޯޓް އެކުލެވޭ ފޯނެއް ޓެސްޓްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެޕަލްގެ އުފެއްދުންތަކުގެ ޚަބަރުތައް ތިލަކޮށްދޭ ބައެއް ރިސާޗަރުންނާ ހަވާލާދީ ބްލޫމްބާގުން ބުނީ އެފަދަ ޑިވައިސްއެއް ޓެސްޓްކުރަމުން ދިޔަޔަސް އެޕަލް އިން މި އަހަރު އެފަދަ ފޯނެއް ނެރެން ޕްލޭންކޮށްފައި ނެތް ކަމަށެވެ. އެހެންވެ ޔޫއެސްބީ-ސީ ޕޯޓް އެކުލެވޭ ފޯނު ނެރޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ތެރޭގައި ކަމަށް ބުންޏެވެ.

އައިފޯނަށް މިފަދަ ބަދަލެއް ގެންނަ އިރު، އެޕަލްގެ އުފެއްދުންތައް ކަމަށްވާ އެންމެ ފަހުގެ އައިޕެޑް ޕްރޯ އާއި އެއާ އަދި މިނީގައި ވެސް ޔޫއެސްބީ-ސީ ޕޯޓް ހިމަނާފައިވެ އެވެ. އެހެންވެ ގިނަ ބަޔަކު އަންނަނީ އައިފޯންގައި ވެސް އެ ޕޯޓް ހިމަނައިދޭން އެދެމުންނެވެ. އަނެއްކޮޅުން މިދިޔަ އަހަރު އީޔޫ އިން ވެސް ވަނީ އައިފޯންގައި އެސްބީ-ސީ ޕޯޓް ހިމެނުން މުހިއްމު ކަމަށް ބުނެފަ އެވެ. އީޔޫ އަކީ އެޕަލް އަށް އެންމެ ބޮޑު މާކެޓެއް އޮތް އެއް ތަނެވެ.


އެހެންވެ އެކަމަށް ރިއާޔަތްކޮށް ވެސް އައިފޯންގައި ޔޫއެސްބީ-ސީ ޕޯޓް ހިމެނުމަކީ އެޕަލް އިން މިހާރު ކުރަން މުހިއްމުވެފައި އޮތް ކަމެކެވެ. މިފަދަ ޑިވައިސްއެއް މިހާރު ޓެސްޓްކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏަސް އެޕަލް އިން އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ޓެކްނިކަލް ގޮތުން ބަލާ އިރު އެޕަލް އިން މިހާރު ބޭނުންކުރާ ލައިޓްނިން ޕޯޓަށް ވުރެ ހުރިހާ ގޮތަކުން ވެސް ޔޫއެސްބީ-ސީ ޕޯޓްގެ ފައިދާ ބޮޑު ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.؛

ޔޫއެސްބީ-ސީ ޕޯޓާ އެކު އައިފޯނެއް ޓެސްޓްކުރަމުން އަންނަ ވާހަކަ ދެކެވޭ އިރު، ބައެއް މީޑިއާތަކުން ބުނީ "ޕޯޓްލެސް" ފޯނަކަށް ވެސް އެ ކުންފުނިން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މި އަހަރަކީ ގިނަ ބަޔަކު އައިފޯން 14 ގެ އިންތިޒާރުގައި ތިބި އަހަރެކެވެ.