އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ކުރިއަށްގެންދާ އިންތިހާބުގައި، ފ. ނިލަންދޫގައި ވޯޓު ލުމަށްފަހު ވޯޓު ކަރުދާސް ދެއްކުމަށް އަންގާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ތަރުޖަމާން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، ވައްޑެ ކުރެއްވި ޓްވީޓެއްގައި ވަނީ ނިލަންދޫގައި ވޯޓު ލުމަށްފަހު ވޯޓު ކަރުދާސް ދައްކާކަމަށް ބުނާ ވީޑިއޯއެއް ހިއްސާކުރައްވާފައެވެ.
އެ ވީޑިއޯއިން ފެނިގެންދަނީ ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށްފަހު ކަރުދާސްކޮޅު ފޮއްޓަށް ވައްޓާލުމުގެ ކުރިން އެތަނުގައި ތިބި ބަޔަކަށް ދައްކާ މަންޒަރެވެ. މި ވީޑީއޯއާ އެކު ކުރެއްވި ޓްވީޓްގައި ވައްޑެ ވިދާޅުވެފައިވަނީ ފ. ނިލަންދޫގައި ވޯޓު ލުމަށްފަހު ވޯޓު ކަރުދާސް ދައްކަން އަންގަމުން އެބަގެންދާ ކަމަށާއި މިއީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.
ފ. ނިލަންދޫގައި ވޯޓު ލުމަށްފަހު ވޯޓު ކަރުދާސް ދައްކަން އަންގަމުން އެބަގެންދޭ. މިއީ ޕާޓީން ނެރެފައިވާ ވޯޓުލުން ކުރިޔަށް ގެންދާނޭ ގޮތުގެ އުސޫލުތަކާ ޚިލާފު ކަމެއް. އަދި ވޯޓުން މަކަރު ހަދަން ހިންގާ ކަމެއް. @MDPSecretariat @anasabdulsattar @mimaniq53 @ali_niya pic.twitter.com/aoxMnPe2pn
— Waddey (@waddey_) May 14, 2022
މީގެއިތުރުންވެސް ވައްޑު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުޅުމާލޭ ވޯޓުލުން ޣާޒީ ސްކޫލުގައި ބޭއްވުމަށް ނިންމާފައިވަނިކޮށް، އެންގުމަކާނުލާ ކުއްލިއަކަށް މިއަދު ހެނދުނު ހުރަވީ ސްކޫލަށް ބަދަލުކޮށްފައިވާތީ ވަރަށް ގިނަ ޝަކުވާ ދަނީ ލިބެމުންއަންނަ ކަމަށެވެ. އަދި ލ. މާވަށު އާފާގުގެ އަލީ މޫސާ ވޯޓްލާން އެރަށު ވޯޓްލާ މަރުކަޒުން ދޫކުރި ވޯޓް ކަރުދާހުގައި ކެންޑިޑޭޓް ނަމްބަރު 2 ގައި ފާހަގަ ޖަހާފައިވާ ކަރުދާހެއް ދޫކުރިކަމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
މިއަދު ހެނދުނު 09:00 އިން ހަވީރު 04:00 އަށް ކުރިއަށްގެންދާ އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވަނީ އިމްތިޔާޒް ފަހުމީ އަދި ފައްޔާޒް އިސްމާއިލްއެވެ.