Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ޕޮލިސް ކޮލެޖްގެ ޓްރެކް ސްކޫލްތަކުން ބޭނުންކުރަނީ

އައްޑޫ ޕޮލިސް ކޮލެޖްގެ ދުވާ ޓްރެކްގައި ސްކޫލް ކުދިން ޓްރޭނިން ހަދަން ބޭނުން ކުރަން ފަށައިފި އެވެ.

މާޗް މަހުގެ ފަހުކޮޅު ހުޅުވި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕޯލް) އަކީ ގިނަ ވަސީލަތްތަކެއް އެކުލެވޭ ގޮތަށް ހަދަމުން އަންނަ ތަނެކެވެ. އެގޮތުން މި ތަނަކީ ފުލުހުންގެ އިތުރުން ރާއްޖޭގެ ތަންފީޒީ ހުރިހާ އިދާރާއި އެ ނޫން ވެސް އެކިއެކި މުއައްސަސާތަކަށް ބޭނުންކުރެވޭ ގޮތަށް ހިންގަން ހަމަޖެހިފައިވާ ތަނެކެވެ.

ޕޮލިސް ކޮލެޖްގެ ދުވާ ޓްރެކް ސްކޫލް ކުދިންގެ ޓްރެއިނިންތަކަށް ބޭނުންކުރަން ފަށާފައިވާ އިރު މީގެ ކުރިން ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ އައްޑޫގެ އެކިއެކި މުއައްސަސާތަކުން ޕޮލިސް ކޮލެޖްގެ ބޭނުން ހިފުމަށް އިލްތިމާސް ވެސް ކުރައްވައިފަ އެވެ. އަދި އެތަން ހުޅުވަން މާޗް މަހުގެ 27 ގައި ބޭއްވި ރަސްމިއްޔާތުގައި ވެސް އެ ވާހަކަ ސީޕީ ތަކުރާރުކުރެއްވި އެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަދިވެސް މަސައްކަތް ކުރިއަށްދާ އައްޑޫ ޕޮލިސް ކޮލެޖަކީ ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ފަދަ ވަސީލަތްތައް ހިމެނޭ ތަނެކެވެ.