Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ޔޫއޭއީ ރައީސްގެ ޖަނާޒާއަށް ރައީސް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް، އައްޝައިޚު ޚަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށް ރައީސް ސޯލިހް ފުރާވަޑައިގަންނަވާނީ މާދަމާ މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވެފައިމިވަނީ ސިއްހީ ހާލުކޮޅު ގޯސްކޮށް އުޅޭތާ ގިނަ ދުވަސްތަކެއް ފަހުން އިއްޔެގެ ވަގުތެއްގަ އެވެ. އަވާހަރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވުމާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަލީފާ ބިން ޒައިދް އަވަހާރަވި ހަބަރު އެއްސެއްވީ ފުން ހިތާމައާއެކު ކަމަށާއި އޭނާ އަކީ ވިޝަނަރީ ލީޑަރެއް ކަމަށެވެ. އަދި އެއީ ރާއްޖޭއާ ގާތް ގުޅުމެއް ބޭއްވެވި ފަރާތެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަހަށް ދިވެހި ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރަން ވަނީ ނިންމާފަ އެވެ.

ހަލީފާ ބިން ޒައިދަށް 2014 ވަނަ އަހަރު ޖެހުނު ސްޓްރޯކަކާއި ގުޅިގެން ވެރިކަމުގެ ގިނަ ބާރުތަކެއް ވަނީ ވަލީ އަހުދު މުހައްމަދު ބިން ޒަޔިދް އަލް ނަހްޔާންއާ ހަވާލުކުރައްވާފަ އެވެ.

ޔޫއޭއީގެ ރައީސްކަމުގެ މަގާމާއި ހަލީފާ ބިން ޒަޔިދް ހަވާލުވެވަޑައިގެންނެވީ 2004 ވަނަ އަހަރު އެވެ.