މިއީ އެމްޑީޕީ އަށް ބޮޑު ކާމިޔާބީއެއް ލިބޭ ދުވަހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލެއްވުމަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ މިއީ އެމްޑީޕީ އަށް ބޮޑު ކާމިޔާބީއެއް ލިބޭ ދުވަހެއް ކަމަށާއި އަބަދުވެސް އެމްޑީޕީ މަސައްކަތް ކުރަނީ އިންތިހާބުތައް މެދުވެރިކޮށްގެން ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގައި، އެމްޑީޕީ އާއި ރާއްޖޭގެ ކުރިމަގު ރާވަމުން ގެންދިޔުމަށް ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެންމެ ވާދަވެރިވެފައިވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމެވެ. އެ މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 90،000 އަށް ވުރެ ގިނަ މެމްބަރުން ލިބިފައިވެ އެވެ.
މި އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 4 ޖެހުމާ ހަމައަށް ކުރިއަށްދާނެ އެވެ.