Last Updated: April 23, 11:10
Tuesday, April 23, 2024
ދުނިޔެ

ޔޫއޭއީގެ އާ ރައީސަކީ މުހައްމަދު ބިން ޒައިދު

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް ކަމަށް ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އިންތިހާބުކޮށްފި އެވެ.

ޔޫއޭއީގެ ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޝައިހް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެންނެވެ.

ޔޫއޭއީގެ އާ ރައީސަކަށް މުހައްމަދު ބިން ޒައިދް އިންތިހާބު ކުރީ އެގައުމުގެ ފެޑެރަލް ސުޕްރީމް ކައުންސިލްގެ މެމްބަރުންގެ އިއްތިފާގުންނެވެ.

އުމުރުފުޅުން 61 އަހަރުގެ މުހައްމަދު ޒައިދަކީ ޔޫއޭއީގެ ރައީސްކަމުގެ މަގާމު ފުރުއްވާ ތިންވަނަ ފަރާތެވެ.

އިއްޔެ އަވަހާރަވި ހަލީފާ ބިން ޒައިދަށް 2014 ވަނަ އަހަރު ޖެހުނު ސްޓްރޯކަކާއި ގުޅިގެން ވެރިކަމުގެ ގިނަ ބާރުތަކެއް މިހާތަނަށް އަދާކުރައްވަމުން ގެންދެވީ މީގެކުރިން އެގައުމުގެ ވަލީ އަހުދުގެ މަގާމު ފުރުއްވި މުހައްމަދު ބިން ޒައިދެވެ.

ޔޫއޭއީގެ ރައީސް އަވާހަރަވުމުން އެގައުމުގައި ގައުމީ ހިތާމައިގެ 40 ދުވަސް ފާހަގަކުރަން ވަނީ ނިންމާފަ އެވެ.