Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އެމްޑީޕީ އިންތިހާބުގެ ވޯޓުލުން 6:00 އާ ހަމައަށް

މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފި އެވެ.

އެމްޑީޕީން ބުނީ ވިއްސާރަވުމާއި ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެށުން ލަސްވުމުގެ ސަބަބުން މިއަދު ހަވީރު 6:00 އާ ހަމައަށް ވޯޓުލާ ގަޑި އިތުރުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެންމެ ވާދަވެރިވެފައިވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމެވެ. އެ މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ.

މިއަދު ކުރިއަށްދާ އެމްޑީޕީގެ އެހެން އިންތިހާބުތަކުގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ އަންހެނުންގެ ރޫހު ރައީސްކަމުގެ މަގާމާއި، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 90،000 އަށް ވުރެ ގިނަ މެމްބަރުން ލިބިފައިވެ އެވެ.