Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ރައީސް ސޯލިހް އިންތިހާބުގައި ވާދަނުކުރަން ނުނިންމާ

ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރަން ނިންމާފައި ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ، ދިވެހި ޗެނަލްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން، ސަންގު ޓީވީއާ ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރައީސް ސޯލިހާ އަޅުގަނޑާ ނޫން އެހެން ބޭފުޅުންވެސް މި ރޭހުގެ ތެރެއަށް ނުކުތުމަކީ ވަރަށް ބޭނުންތެރިކަމެއް. ދެން އަޅުގަނޑު ލަފައެއް ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުންނަވާނެ ކަމަކަށް. އެހެންނަމަވެސް އަޅުގަނޑު ނުކުންނަވާހަކަ ތަކުރާރުކޮށް އެކި ގޮތްގަތަށް އެބަ ބުނެވޭ." ދިވެހި ޗެނަލްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މިވާހަކައާ ގުޅިގެން ރައީސް ސޯލިހް ސަންގުޓީވީއަށް ވާހަކަ ދައްކަވަމުން ވިދާޅުވީ، އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭގޮތުން ރައީސް ނަޝީދާ އެއްވެސް މަޝްވަރާއެއް ނުހިނގާ ކަމަށެވެ. އަދި އެމްޑީޕީ ޕްރައިމަރީގައި ނުވަތަ ރިޔާސީ ރޭސްގައި ވާދަނުކުރަން އެއްވެސް އިރަކު ނުނިންމާ ކަމަށެވެ. އަދި އެފަދައިން ރައީސް ނަޝީދުގެ އަރިހުގައި ވިދާޅުވެފައި ނުވާނެ ކަމަށް ވެސް ރައީސް ސޯލިހާ ހަވާލާދީ ސަންގުޓީވީން ބުނެފައިވެއެވެ.

2023 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ. އެހެންނަމަވެސް ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް ސޯލިހް އަދިވެސް ހާމަކުރައްވާފައެއް ނުވެއެވެ.