ލާދީނީއޭ ގޮވުމުން ވަރަށް ހިތުގައި ޖެހިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު "ދިވެހި ޗެނަލް" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އުމުރުން ހަތް އަހަރުގައި ހަތިމް ކުރުވާފައިވާ ކަމަށާއި އަދި ނަމާދުކޮށް، ރޯދަ ހިފައިގެން އުޅޭ ސޯލިހު މުސްލިމެއް ކަމަށެވެ. އަދި އެމަނިކުފާނާއި ދިމާލަށް ކޮންމެ އެއްޗެކޭ ގޮވިޔަސް ހެޔޮ ކަމަށާއި ނަމަވެސް ލާދީނީއޭ ގޮވުމުން ވަރަށް ހިތުގައި ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާއި ދިމާލަށް ލާދިނީއޭ ބުނީމަ، އެއީ ވަރަށް ހިތުގައި ޖެހޭ ކަމެއް. ވަރަށް ހިތުގައި ޖެހޭ ކަމެއް. އެހެން އެއްޗެހި ގޮވިޔަސް އަޅުގަނޑަށް ހެޔޮ. ގަންޖާބޯއޭ ގޮވިޔަސް ހެޔޮ، ކޮންމެ އެއްޗެކޭ ގޮވިޔަސް ހެޔޮ" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މައިންބަފައިން އެމަނިކުފާނު ތަރުބިއްޔަތުކޮށްފައި ތިބި ގޮތަށް ބަލާއިރު ލާދީނީއޭ ގޮވުމަކީ ވަރަށް ދެރަވާ ކަމަށެވެ. އެކަމާ އެމަނިކުފާނުގެ މައިންބަފައިން ވެސް ދެރަވާނެކަން އެނގޭ ކަމަށާއި އަދި ދުނިޔޭގައި ތިއްބެވި ނަމަ އެމަނިކުފާނުގެ މާމަ އަދި ކާފަ ހަދާނެ ގޮތް ހުސްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ސިޔާސީ ވާދަވެރިންނަށް އެމަނިކުފާނަކީ ކިހިނެތް ބޮޑުވެފައި ހުންނެވި ބޭފުޅެއްކަން އެނގިވަޑައިގަންނަވާނެ ކަމަށާއި އެހެންވުމުން "ތަދުވާ ތަނުގައި ޖަހަނީ" ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މީގެ އަހަރެއްހާ ދުވަސް ކުރިން ދެވުނު ބޮމުގެ ހަމަލާގެ އަމާޒަކަށް އެމަނިކުފާނު ހެދީ ލާދީނީ މީހެއް ކަމަށް ބްރޭންޑް ކުރުމުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"މިސާލަކަށް އެބަ ދައްކަވާ އަޅުގަނޑު ބުންޏޭ ގުރުއާނާއި ހަދީޘް ނޫން އެހެން އެއްޗެއް ހޯދަން. ނޫން، ދުވަހަކު ވެސް އަޅުގަނޑު އެބާވަތުގެ ވާހަކައެއް ނޫން ދެއްކީކީއެއް. އަޅުގަނޑަކީ ދުވަހަކު ވެސް އެބާވަތުގެ ވާހަކައެއް ދެއްކި މީހެއް ނޫން. އަޅުގަނޑު ދައްކާވަފައި ހުންނަ ވާހަކަތަކުގެ މާނަ އޮޅުވާލައި، މިގޮތް ގޮތުން ސިޔާސީ ފައިދާ ހޯދުމަށްޓަކާ އެބޭފުޅުން ހިންގަމުން ގެންދިޔަ މަސައްކަތެއްގެ ސަބަބުން އަނިޔާ ވެސް ވަރަށް ބޮޑަށް ރައްދުވެފައި މިހުރީ" ނަޝީދު ވިދާޅުވި އެވެ.