Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

ކެންސަރު ރަނގަޅުވި ފަހުން ސޮނާލީ އެކްޓިން އަށް

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ކެންސަރަށް ފަރުވާ ހޯދި ބޮލީވުޑްގެ ބަތަލާ ސޮނާލީ ބެންޑްރޭ އަލުން އެކްޓިން އަށް ނުކުމެއްޖެ އެވެ.

ޒިޓީވީން މިހާރު ދައްކާ ޑާންސް ޝޯ "ލިލް މާސްޓާ" ގެ ޖަޖެއްގެ ގޮތުގައި ވެސް ބައިވެރިވަމުން އަންނަ 47 އަހަރުގެ ބަތަލާ އަލުން އެކްޓިން އަށް ނުކުތީ ޒީ5 ގެ ވެބް ސީރީޒް "ދަ ބްރޯކެން ނިއުސް" އިންނެވެ. މީގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، ސީރީޒްގެ ފަސްޓްލުކް ވެސް ސޮނާލީ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށް އޭގައި މަސައްކަތްކުރަން ލިބުމުން ލިބުނު އުފާ ވެސް ހިއްސާކޮށްފަ އެވެ.

"ދަ ބްރޯކެން ނިއުސް" ގެ ޓީޒާ އިން ފެންނަ ގޮތުގައި މީގެ އޭނާ ފެންނަނީ ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގަ އެވެ. ސޮނާލީ ބުނީ މި ސީރީޒަށް އެއްބަސްވީ އޭގެ ކޮންސެޕްޓް ކަމުދިޔަލެއް ބޮޑުކަމުންނެވެ. އަދި އެއާ ދޭތެރޭ ވަރަށް ފަހުރުވެރިވާ ކަމަށާއި ބެލުންތެރިންނަށް އެ ބަލައިލަން ލިބެނޭ އިރެއްގެ އިންތިޒާރުގައި ވެސް ހުރި ކަމަށް ބުންޏެވެ.

"ދަ ބްރޯކެން ނިއުސް" ގެ ކާސްޓްގައި ޖައިދީޕް އަހުލުވާތާއި ޝްރިޔާ ޕިލްގާއޯންކަރާއި އިންދުރަނީތު ސެންގުޕްތާ އާއި އާކަޝް ކްރާނާ އަދި ކިރަން ކުމާރު ވެސް ހިމެނެ އެވެ. މި ސީރީޒްގެ ޑައިރެކްޓަރަކީ މިދޔަ އަހަރު ނެޓްފްލިކްސް އަށް "އަރަނައިކް" ގެނެސްދިން ވިނޭ ވައިކުލް އެވެ. "ދަ ބްރޯކެން ނިއުސް" އަކީ ހަ އެޕިސޯޑަށް ގެނެސްދިން ބީބީސީ ސްޓޫޑިއޯސްގެ 2018 ގެ ސީރީޒް "ޕްރެސް" އަސްލަކަށް ބަލައިގެން ގެނެސްދޭ އެއްޗެކެވެ.

ޑައިރެކްޓަރު ގޯލްޑީ ބޭލްއާ ކައިވެނިކޮށްގެން ރަންވީރު ބޭލް ކިޔާ 16 އަހަރުގެ ކުއްޖަކު ވެސް ހުރި ސޮނާލީ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ އަކްޝޭ ކުމާރުގެ 2013 ގެ "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ ދުބާރާ" އިންނެވެ. ކެރިއަރުގެ ޒަންޒަމާނުގައި ސޮނާލީ ކާމިޔާބު އެތައް ފިލްމެއް ކުޅުނެވެ. އޭގެ ތެރޭގައި "ދިލްޖަލޭ"، "ސަރްފަރޯޝް"، "ހަމް ސާތު ސާތު ހޭ"، "މޭޖާ ސާހަބް" އަދި "ރަކްޝަކް" ހިމެނެ އެވެ.