Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް ރައީސް ވިދާޅުވި: މޫސަ

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.

މޫސަ މިހެން ވިދާޅުވެފައިމިވަނީ އިންތިހާބަށް ރައީސް ނިކުންނަވާނެ ކަމަށް ލަފާނުކުރެއްވޭ ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މިކަމާ ގުޅިގެން މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެ ބޭފުޅުން ބައްދަލުވެ ވާހަކަ ނުދައްކަވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ.

"އަޅުގަނޑާ ބައްދަލުވެ ވާހަކަ ދައްކަވާ ކޮންމެ ފަހަރަކު ރައީސް ވިދާޅުވޭ ތިމަންނަ 2023 އަށް ކުރިމަތިލައްވާނަމޭ. ކުރިއަށް ވަޑައިގަންނަވާނީ އުސޫލާ އެއްގޮތަށޭ" މޫސަ ވިދާޅުވި އެވެ.

ނަޝީދުގެ މިވާހަކައާ ގުޅިގެން ރައީސް ސޯލިހް ސަންގުޓީވީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭގޮތުން ރައީސް ނަޝީދާ އެއްވެސް މަޝްވަރާއެއް ނުހިނގާ ކަމަށެވެ. އަދި އެމްޑީޕީ ޕްރައިމަރީގައި ނުވަތަ ރިޔާސީ ރޭސްގައި ވާދަނުކުރަން އެއްވެސް އިރަކު ނުނިންމާ ކަމަށެވެ. އަދި އެފަދައިން ރައީސް ނަޝީދުގެ އަރިހުގައި ވިދާޅުވެފައި ނުވާނެ ކަމަށް ވެސް ރައީސް ސޯލިހާ ހަވާލާދީ ސަންގުޓީވީން ބުނެފައިވެ އެވެ.

2023 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް ނަޝީދު ވަނީ ހާމަކުރައްވާފަ އެވެ. އެހެންނަމަވެސް ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް ސޯލިހް އަދިވެސް ހާމަކުރައްވާފައެއް ނުވެ އެވެ.