Last Updated: July 3, 09:07
Thursday, July 3, 2025
ޚަބަރު

ވޯޓު އަލުން ގުނައިދޭން އެމްއެންޕީން އެދެނީ

މިއަދު ބޭއްވި ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު އަލުން ގުނައިދޭން މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީ) އިން އެދިއްޖެ އެވެ.

މި އިންތިހާބުގައި ވާދަކުރީ އެމްއެންޕީ އާއި ޕީޕީއެމްގެ ކެންޑިޑޭޓެކެވެ. އެގޮތުން އިންތިހާބު ކާމިޔާބު ކުރީ ޕީޕީއެމްގެ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވީ ފާތިމަތު ނާޒިމާ އެވެ. އޭނާ އަށް ވަނީ 359 ވޯޓު ލިބިފަ އެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި އާމިނަތު ޝީޒާ އަށް ލިބިފައިވަނީ 358 ވޯޓެވެ.

އެމްއެންޕީގެ ތަރުޖަމާނު އަސްރާ އަހުމަދު ވިދާޅުވީ އިންތިހާބުގެ ވަގުތީ ނަތީޖާ އަށް ބެލުމަށްފަހު އަލުން ވޯޓު ގުނައިދޭން އިލެކްޝަންސް ކޮމިޝަނުގައި އެދެން ނިންމާފައިވާ ކަމަށެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އާމިނަތު އީމާން، 29، އެކްސިޑެންޓެއްގައި ނިޔާވުމާ ގުޅިގެންނެވެ.

މި އިންތިހާބުގައި އެމްޑީޕީން ވާދަކުރަން ނިންމި ނަމަވެސް އެ ޕާޓީއަށް ފުރުސަތު ގެއްލުނީ ވަގުތު ހަމަވި ފަހުން ފޯމް ހުށަހެޅުމުންނެވެ.