ސިފައިންގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން، ޔޫއެސް ފަސްޓް ބެޓޭލިއަން ފިފްތު ސެކިޔުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތަމްރީނުތަކެއް ފަށައިފި އެވެ.
"އެކްސަސައިޒް ބްލެކް މަރލިން 22-2" ގެ ނަމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫގައި ކުރިއަށްގެންދާ މި ތަމްރީނުތައް އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއެންޑީއެފްގެ މެރިން ކޯރގެ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕު (އެސްއޯޖީ) ގެ މެރިންސް ބައިވެރިވާ މި ތަމްރީނުތަކުގައި، މެޑިކަލް، މާކްސްމަންޝިޕް، ކައުންޓަރ އައިއީޑީ އަދި ބްރީޗިންގ އާއި ކްލޯސް ކްއޯޓަރ ބެޓަލް ފަދަ އަސްކަރީ އުކުޅުތައް ފަރިތަކުރާގޮތަށް ހަމަޖެހިފައިވެ އެވެ. މި ތަމްރީނުތައް ކުރިއަށްގެންދާއިރު، ސިމިޔުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެކްސަސައިޒް ބްލެކް މަރލިން އަކީ ސިފައިން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކުތަކަށް ތަމްރީނުކޮށް، ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށާއި، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ރެޑިނަސް އަދި ކޭޕެބިލިޓީ ދެނެގަނެ އިތުރަށް ހަރުދަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަޤްޞަދުގައި ބާއްވަމުން ގެންދާ އެކްސަސައިޒެކެވެ.