Last Updated: April 19, 18:16
Friday, April 19, 2024
ޚަބަރު

ފުލުހުންގެ "ޕެޓްރޯލް" އައްޑޫގައި ފަށައިފި

ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުމަށް "ޕެޓްރޯލް" ގެ ނަމުގައި މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އައްޑޫ ގަން ޕޮލިސް ސްޓޭޝަނުން ފަށައިފި އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމްގައި މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކޮށް ކުށުން ރައްކާތެރިކުރުމަށާއި އާންމު ސަލާމަތާއި ރައްކާތެރި ކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު އާންމުންނަށް ދޭނެ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން، ރަށުތެރޭގައި އާންމުކޮށް ހިންގާ ކުށްތަކާއި، އާންމުކޮށް ކުށްކުރާ ގަޑިތައް ރައްޔިތުންނާ ހިއްސާކޮށް، އެ ޑި ތަކުގައި އިތުރަށް ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު މިހާތަނަށް ޒިރާޔަތްކުރި ގޭބިސީތަކާ ވެސް ހިއްސާކޮށްފައިވެ އެވެ. އަދި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމާއި އެފަދަ ކަމެއްގައި ނުޖެހި ސަލާމަތްވެތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

އޭގެ އިތުރުން، ބޭންކުގެ ނަމުގައި ގުޅައިގެންވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމާއި އެގޮތަށް މީހަކު ގުޅި ކަމަށް ވިޔަސް އެ މީހަކަށް ކޭޝްކާޑުގެ މައުލޫމާތު ހިއްސާ ނުކުރުމަށް ނަސޭހަތްތެރިވެފައިވެ އެވެ. އަދި ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ މީހުންނާ ގުޅޭ ގޮތުން ފާހަގަކުރެވޭ ކަމެއް ނުވަތަ ޝައްކުކުރެވޭ ކަމެއް ފެނިއްޖެ ނަމަ ލަސްނުކޮށް ފުލުހުންނާ ހިއްސާކުރަން ވެސް އާންމުންނަށް އިލްތިމާސްކޮށްފައިވެ އެވެ.

މީގެ އިތުރުން ވައްކަންކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ އެއްވެސް މުދަލެއް ނުގަތުމަށާއި އެއީ ކުށެއްކަމާ އަދި އެއީ ވައްކަން ކުރުމަށް ދެވޭ ހިތްވަރެއް ކަމަށް ވެސް ފުލުހުން އަންނަނީ ބުނެދެމުންނެވެ.

"ޕެޓްރޯމް" ޕްރޮގްރާމްގައި ގަމު އޭރިޔާގައި ހިމެނޭ ހުރިހާ އަވަށެއްގެ ގޭބިސީއަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ. މިއީ ގަން ޕޮލިހާއި ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ ޕްރޮގްރާމެކެވެ.