Last Updated: July 4, 06:42
Friday, July 4, 2025
ޚަބަރު

އައިޖީއެމްއެޗްގެ ޑޮކްޓަރުން އަތޮޅުތަކުގައި ހިދުމަތް ދެނީ

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ޑޮކްޓަރުންތަކެއް އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކަށް ވަޑައިގެން ހިދުމަތް ދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މިކަމާ ބެހޭ ގޮތުން އެ ހޮސްޕިޓަލުން ބުނީ މި މަހު ފެށި މި ޕްރޮގްރާމް އަންނަ އަހަރުގެ އެޕްރީލް މަހާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގެ އެކި ޑިޕާޓްމަންޓްތަކުގެ ޑޮކްޓަރުން މި ފަހަރު ވަޑައިގަންނަވަން ހަމަޖެހިފައިވާ ހޮސްޕިޓަލްތަކަކީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ އިތުރުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި އަދި ގދ. ތިނަދޫ ޑރ. އަބުދުދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.

އިއްޔެއިން ފެށިގެން ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބައްލަވަން ފައްޓަވައިފައެވެ. އަދި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކެންސަރުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް އެ ހޮސްޕިޓަލުގައި ބައްލަވާނެއެވެ.

އަދި މި މަހުގެ ތެރޭގައި ރޭޑިއޮލޮޖީގެ ޚިދުމަތް ދޭނީ އޭއީއެޗްގަ އެވެ.

ކަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން މި މަހު އުނގޫފާރަށް ވެސް ވަޑައިގަންނަވަން ހަމަޖެހިފައިވާ އިރު، އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން މި މަހު ބައްލަވާނީ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގަ އެވެ.