Last Updated: April 19, 06:56
Friday, April 19, 2024
ރިޕޯޓް

ރޮޒޭ: ބޮޑެތި ޗެލެންޖުތަކުން އަބަދު ވެސް އެއް ވަނަ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒއިނާ:-އޭނާ ގެންދަވަނީ ސިޔާސީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި

ރޮޒޭއަކީ އަސްލު ގަދަ މީހެއް. ކޮލެޓީ މީހެއް އެއީ. އޭނާ އެކުރާ ކެމްޕެއިން އަސްލު ނުކުރެވޭނެ. އައްޑޫ ދާއިރާގެ ފޮށިން މި ފަހަރުވެސް ފައްޔާޒުއަށް ބޮޑު އަގުލަބިއްޔަތެއް ލިބުމަކީވެސް ރޮޒޭނާގެ ގަދަކަން،"
މިއީ މިދިޔަ ހޮނިހިރު ދުވަހު ނިމިދިޔަ އެމްޑީޕީ އެތެރޭގެ އިންތިހާބަށްފަހު އައްޑޫ ސިޓީ ހުޅުދޫގެ ޕީޕީއެމްގައި އިސް އެކްޓިވިސްޓެއް ބުނި ވާހަކައެކެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަކީ މިއަދު ރާއްޖޭގައި ތިބި ސިޔާސީ ނުފޫޒުގަދަ އަންހެނުންގެ ތެރެއިން އެކަކު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ރޮޒޭގެ ވާދަވެރިން އޭނާއަށް ނިސްބަތްކޮށް ކިތަންމެ ފާޑެއް ކިޔަސް އޭނާއަކީ ސިޔާސީ މައިދާނުގައި މިއަދު އާދައިގެ މީހެއް ކަމަށް ބެލެވޭކަށްނެތެވެ. އޭނާގެ ރެކޯޑްތައް އެއަށްވުރެ މާގިނަ އެވެ. ސިޔާސީ މައިދާނުގައި އޭނާ އެ ކުރިމަތިލިފަދަ ގޮންޖެހުންތަކާއި ވާދަވެރިކަމުގެ ތެރެއިން ކާމިޔާބު ހޯދި އެކަލަ ކަނބަލުންވެސް މަދެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމަށް ރޮޒޭ އިންތިހާބުވާއެކު އޭނާގެ ކުޅަދާނަކަމުގެ ވާހަކަ އަނެއްކާވެސް އާވި ނަމަވެސް އޭނާ މިހާތަނަށް އެއްވެސް އިންތިހާބަކުން ބަލިވި މީހެއް ނޫނެވެ.

"އިރާދަ ކުރެެއްވީތީ އަދި އެއްވެސް އިންތިހާބަަކުން ފެއިލްނުވޭ، ޑީއާރުޕީގައި ހުރިއިރުވެސް އަދި އެމްޑީޕީއަށް އައިރުވެސް" ޝުކުރިވެރިކަމާއެކު ރޮޒޭ ފާހަގަ ކުރެއްވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ރޮޒޭ މި ފަހަރު ވާދަކުރެއްވި އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމަކީ އާދައިގެ މަގާމެއް ނަމަވެސް މިފަހަރު އޭނާ އެ އިންތިހާބަށް ކުރިމަތިލެއްވީ އަންހެނުންގެ މަސައްކަތައް ބޮޑު ބަދަލެއް ގެނައުމުގެ އަޒުމުގެ އެވެ. އެއީ އާދައިގެ މަގާމެއް ގޮތުގައި ދެކެމުންދިޔަ ދިއުން ނިމުމަކަށް ގެނައުމަށް އޭނާ އެ މަގާމަށް ނިކުންނެވީ ވައުދުތަކަަކާއެކު އެވެ. މަގާމަށް އިންތިހާބުވުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން އެ ކުރެއްވި ކެމްޕެއިންކީ އެމްޑީޕީގެ ތާރީހްގައިވެސް އަދި ރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް ރެކޯޑެކެވެ.

ރޮޒޭ ކެމްޕެއިން ކުރެއްވީ ޗެއާޕާސަން ކަމަށް އިންތިހާބުވި އިކްނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާއެކު ކަމަށްވިއަސް ފައްޔާޒުއަށް ވުރެ ބޮޑު އިންސައްތައެއް ރޮޒޭ ހޯދެއްވިއެވެ. އޭނާ އެ މަގާމަށް ގެނައުމަށް 6645 މީހުން ވޯޓުދީފައިވެ އެވެ. އެއީ އެ އިންތިހާބުގައި ވޯޓުލީ އަންހެނުންގެ ތެރެއިން 62 ޕަސެންޓް މީހުނެވެ.

ރޮޒޭ ދެކިވަޑައިގެންނެވި ގޮތުގައި މިއީ އެމްޑީޕީން އޭނާ ބަލައިގެންފައިވާވަރު ދައްކައިދޭ ހެއްކެވެ. ރޮޒޭ މި އިންތިހާބުގައި ހޯދި ކާމިޔާބީއަކީ އޭނާގެ ސިޔާސީ ތަޖުރިބާއާއެކު ހޯދި ކާމިޔާބީއެކެވެ.

މަޖިލިސް ތިން ދައުރަށް އިންތިހާބުވީ ގިނަ ކެންޑިޑޭޓުންތަކެއް ބަލިކޮށްފަ؟
2009 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރޮޒޭނާ ނިކުންނެވީ ރައްޔިތުންގެ މަޖިލީހުގައި ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރުގެ ގޮތުގައި އިންނެވުމަށްފަހު އެވެ. ތުލުސްދޫ ދާއިރާއަކީ އުފަންރަށް ނޫނަސް އެ އިންތިހާބު ކާމިޔާބުކޮށް ފެށުންވެސް ރަނގަޅުކުރިއެވެ. އެފަހަރު އޭނާ ވެގެން ދިޔައީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މަދު އަންހެން ކަނބަލުންގެ ތެރޭގައެވެ. އޭގެ އިތުރުން ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް އޭނާ އިންތިހާބުވި އެވެ. ޑީއާރުޕީގައި ސިޔާސީ ނުފޫޒުގަދަ އަދި ކާމިޔާބު ކެމްޕެއިންތަކެއް ކުރި މީހެއްގެ ގޮތުގައި ރޮޒައިނާ ވަނީ ފެނިގެންގޮސްފައެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހަށް ރޮޒޭ ކުރިމަތިލެއްވީ މިހާރު އޭނާ ހުންނެވި އެމްޑީޕީގެ ޓިކެޓްގައި އެވެ. ޕާޓީ މެމްބަރުންގެ އިތުބާރު ހޯދައިގެން އަލުން އާ ޕާޓީއަކުން މަޖިލީހަށް އިންތިހާބުވުމުގެ އުނދަގޫ ދަތުރު އޭނާ ކާމިޔާބުކުރި އެވެ. އައްޑޫ މީދޫ ދާއިރާގެ ގޮނޑިއަށް ރޮޒޭ އިންތިހާބުވުމުގެ ކުރިން އޭނާ ފުރަތަމަ ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ޓިކެޓް ހޯދާފައެވެ. އެމްޑީޕީގެ ޓިކެޓް ކާމިޔާބުކުރެއްވުމަށްފަހު ދެން ކުރިމަތިލާން ޖެހުނީ އަދި މަބޮޑު ގޮންޖެހުމަކާ އެވެ.

"އެފަހަރު ރޮޒޭއާ ޕްރައިމަރީގައި ވާދަކުރި މީހާވެސް ރޮޒޭ އާ ދެކޮޅަށް އެރީ. ދެން އޭގެ ފަހުން ރޮޒޭ ކުރިމަތިލީ ރަށުގެ ނުފޫޒުގަދަ ދެ މީހަކާ. އެއީ ކުރިން ކަތީބުކަން ކޮށްފައި ތިބި ދެމީހުން. އޭގެ އިތުރުން ޒުވާން އެކަކު އަމިއްލަ ގޮތުން ކުރިމަތިލި. އަދި އެއީ އޭރު ރައީސް ޔާމީންގެ ވެރިކަމުގައި. އެކަމު އެ ފަހަރުވެސް ރޮޒޭ އެ އިންތިހާބު ކާމިޔާބުކުރި،" އައްޑޫ މީދޫ ދާއިރާގެ އާއްމު މީހަކު ކިޔާދިނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2014 ވަނަ އަހަރު މަޖިލިސް އިންތިހާބު ރޮޒޭ ކާމިޔާބު ކުރުމަށްފަހު މަޖިލިސް ތެރޭގައި ކުރަން ޖެހުނު މަސައްކަތަކީ އިދިކޮޅު ޕާޓީގެ މެމްބަރުންގެ މަސައްކަތެވެ. އެމްޑީޕީގެ މަދު މެމްބަރުންތަކަކާއެކު ސަރުކާރާ ދެކޮޅަށް ކުރަން ޖެހުނު މަސައްކަތުގައި ރޮޒޭ ދެއްކެވި ހިތްވަރާއެކު އޭނާއަށް ކުރިމަތިވި ފުރައްސާރަތައް ވެސް ޓީވީތަކުން ލައިވްސްކޮށް މީހުން ގެންދިޔައީ ބަލަމުންވެ. އެގޮތުން އޭރުގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު ނިހާން ހުސެއިން މަނިކު އަނގަޔަށް ފެންއަޅާ، ރޮޒައިނާ މޫނުމައްޗަށް ބުރުވާލި މަންޒަރު ގިނަ ބަޔަކު ހަނދާންހުރެ އެވެ. މަޖލީހާއި މަޖިލީހުން ބޭރުގައި އޭނާ ކުރި ޕާޓީގެ މަސައްކަތް ޕާޓީގެ މެމްބަރުން ފާހަގަކުރެ އެވެ.

ނިހާން ރޮޒޭ މޫނަށް ފެންބުރުވާލަނީ:-ރޮޒޭއަށްފުރައްސާރަކުރުންތައް މަޖިލީހުން ކުރިމަތިވި

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް 2019 ވަނަ އަހަރު ބޭއްވި އިންތިހާބުގައިވެސް ރޮޒޭ ކުރިމަތިލެއްވީ އެމްޑީޕީ އެތެރޭގެ ވާދަވެރި ޕްރައިމަރީ ކާމިޔާބުކުރުމަށްފަހު އެވެ. އައްޑޫ މީދޫގެ ބޮޑެތި އާއިލާތަަކަށް ނިސްބަތްވާ ފިރިހެނުންނާ ވާދަކޮށް އެމްޑީޕީގެ ޓިކެޓް ދެ ވަނަ ފަހަރަށް ކަށަވަރުކުރެއްވި އެވެ. އޭގެ ފަހުންވެސް މަޖިލިސް އިންތިހާބު ރޮޒޭއަކަށް އެހާ ފަސޭހައެއްނުވި އެވެ. އެހެން ނަމަވެސް ރަށުގެ ދެ ފިރިހެންނުންނާ ވާދަކޮށް އެ އިންތިހާބު މިފަހަރު ރޮޒޭ ކާމިޔާބުކުރުންވެގެން ދިޔައީ ޖެހި ޖެހިގެން ތިން ވަނަ ދައުރަކަށް މަޖިލީހަށް އިންތިހާބުވުމެވެ.

"އަހަރަމެން ރޮޒޭ ހޮވަނީ އޭނާ ވަރަށް ގާތްކަން ބާއްވާނެ އަހަރަމެންނާ. އަދި ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށްދިނުމަށްވެސް ހަމަ ވަރަށް ބޮޑަށް މަސައްކަތްކޮށްދޭނެ،" ދާއިރާގެ މީހުންގެ ތެރެއިން މީހަކު ބުންޏެވެ.

ރޮޒޭއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނިކޮޓަރީގައި އިންވައިގެން އިންތިހާބު ކާމިޔާބުކުރާ މީހެއް ނޫނެވެ. އާއްމު ރައްޔިތުންގެ އިތުބާރު ހޯދައިގެން މަސައްކަތްކޮށްގެން ގޮނޑިކާމިޔާބުކުރާ މެމްބަރެކެވެ. ރޮޒޭ ވެގެން ދަނީ ސިޔާސީ ނުފޫޒުގަދަ މީހަކަށް އެހެންވެގެން ކަމަށް ވެދާނެ އެވެ.