Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު

އިންޑިއާގެ މުސްލިމުންގެ ހައްގުގައި އަޑުއުފުލަނީ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ކުރިއަށް ގެންދާ ރާއްޖޭގެ އިދިކޮޅު ކޯލިޝަނުން އިންޑިއާގެ މުސްލިމުންގެ ހައްގުގައި އަޑު އުފުލަން ނުކުންނަން ތައްޔާރުވާން ފަށައިފި އެވެ.

އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ދެ ޕާޓީގެ ތެރެއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ ހަރުކަށި ހިންދޫން ހިންގާ އަނިޔާތަކާ ހެދި އެ ގައުމުގެ މުސްލިމް އަޚުންނާއި އުޚުތުންގެ ޙައްގުގައި އަޑު އުފުލުމުގެ ޙަހަރަކާތަކަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެކަމަކު އެ ހަރާތްތައް ފަށާނެ އިރަކާއި އެކަން ކުރިއަށް ގެންދާނެ ގޮތާ ބެހޭ އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ.

އިންޑިއާ މުސްލިމުންގެ ހައްގުގައި އަޑު އުފުލަން ރާއްޖޭގެ އިދިކޮޅު ޕާޓީތަކުން ނުކުންނަން ތައްޔާރުވާ އިރު، މި ސަރުކާރު އިންޑިއާގެ އެފަދަ އަމަލުތައް ކުށްވެރިކޮށް ބަސް ނުބުނާތީ އިދިިކޮޅުން ތަކުރާރުކޮށް ސަރުކާރަށް ފާޑުކިޔަ އެވެ. އަދި ރާއްޖެ މިހާރު އޮތީ އިންޑިއާގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް ވެސް ތުހުމަތުކުރެ އެވެ.

އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ހިމްގަވާ ހަރަކާތެކެވެ.