Last Updated: April 26, 23:59
Saturday, April 27, 2024
ރިޕޯޓް

ނަބިއްޔާގެ މަޤާމަށް ފުރައްސާރަކުރެވިގެން ނުވާނެ

ޢާލަމްތަކަށް ރަޙްމަތެއް ކަމަށް ފޮނުއްވުނު ނަބިއްޔަކީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އެވެ. އެކަލޭގެފާނުގެ މަޤާމަކީ ވަރަށް މާތް މަތިވެރި މަޤާމެކެވެ. މަޚްލޫޤަކަށް ދެއްވުނު އެންމެ މާތް މަތިވެރި މަޤާމެވެ. އަޅުގަނޑުމެންގެ އީމާންތެރިކަން ފުރިހަމަ ވުން ވެސް ވަނީ އެކަލޭގެފާނު ދެކެ އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި އަހުލުންނާއި މުދަލަށް ވުރެ ވެސް ބޮޑަށް ލޯބިވުމުގައެވެ.

އެކަލޭގެފާނުގެ މަޤާމަށް އުނިކަން އަންނަ ފަދަ ގޮތަކަށް ނުވަތަ ކުޑައިމީސް ވާ ގޮތަށް މުސްލިމެއްގެ ޢަމަލާއި ބަސްމަގު ހުރެގެން ނުވާނެއެވެ. މުސްލިމްއަޅާ އެންމެ ބޮޑަށް ސަމާލުވެ ފަރުވާތެރި ވާން ޖެހޭ ކަންކަމަކީ މާތްﷲ އާއި އެ އިލާހުގެ ރަސޫލާ صلى الله عليه وسلم އަށް މަޤާމަށް އުނިކަން އަންނަ ކަންކަމުން ދުރުވެ ރައްކައުވެރިވުމެވެ. މަޖަލަކަށް ނަމަވެސް އެ އިލާހާއި އެ އިލާހުގެ ރަސޫލާއާއި ދީނީ ޝިޢާރުތަކަށް ބަދުބަހެއް ބުނެވި ނުވަތަ ފުރައްސާރައެއް ކުރެވިގެން ދިޔުމަކީ ވެގެން ވާނޭ ކަންކަމެއް ނޫނެވެ. އީމާންތެރިކަން ލާޒިމު ކުރަނީ އެފަދަ ހުރިހައި ކަމަކުން ދުރުވެ ރައްކައުތެރިވެ ތިބުމަށެވެ.

މާތް ނަބިއްޔާ صلى الله عليه وسلمގެ ޙައްޤުގައި އެކަލޭގެފާނަށް މަދަޙަ ޘަނާ ކިޔާއިރު އެ މަދަޙައިގެ ތެރެއަށް އެކަށީގެން ނުވާ އިތުރު ބައިތައް ހިމެނުމަކީ ކަނޑައެޅިގެން ގޯސް ކަމެކެވެ.

އެހެނީ، ނޭނގި ނަމަވެސް، މީހުން ހެއްވައިލުމުގެ ނިޔަތުގައި، މަޖަލަކަށް ނަމަވެސް، އެފަދަ ކަމެއް ކޮށްފި ނަމަ، އެ ކަމެއް ވެގެން ދާނީ ކުރެވޭ ފުރައްސާރައަކަށެވެ. އެއީ މީހުން ހެއްވާލައި، ޖޯކު ޖަހަން އެކަށީގެން ވާ ފަދަ މަޤާމެއް ނޫނެވެ. އެއީ ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވުނު ނަބިއްޔާ صلى الله عليه وسلم އަށް ޤަދަރާއި ތައުޒީމު އަދާ ކުރަން ޖެހޭ މަޤާމެކެވެ. " އޭ ސާހިބާ، ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ވި މާތް…" ކިޔުމަށް ފަހު، ގަރުދިޔަ ބަތާއި، އާދަނު ހިލޭ އަންހެނެއްގެ ކައިރިޔަށް ދާ ވާހަކައާ ގުޅުވައިފި ނަމަ، އެ ހިސާބުން އެ ހެދުނީ ވަރަށް ބޮޑު ގޯހެކެވެ. އެ ކުރެވުނީ ވަރަށް ބޮޑު ފުރައްސާރައެކެވެ. އެ މީހަކަށް އޮތީ އަވަހަށް މާތް ﷲ އަށް ތައުބާވެ، މީސްތަކުންގެ ކިބައިން މާފަށް އެދުމަށް ފަހު، އެފަދަ ނުބައި ކަމަކަށް އަރައި ނުގަތުމަށް ޢަޒުމު ކަނޑައެޅުމެވެ.

ނަބިއްޔާގެ މަޤާމަށް ކުޑަ ވެސް ބަދުބަހެއް ލިބިގެން ދިޔުމަކީ އެއްވެސް މުސްލިމަކު އެދޭނޭ ކަމެއް ނޫނެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހިނގާ އެފަދަ ކަންކަން ހުއްޓުވޭނީ އަޅުގަނޑުމެން އެ ކަންކަމާ މެދު ހޭލުންތެރިވެ، އެހެން މީހުން ވެސް ހޭލުންތެރި ކުރުވައިގެންނެވެ. އަޅުގަނޑުމެންގެ ހިތުގައި އެކަލޭގެފާނަށް އިންތިހާއަށް ލޯބި އުފައްދައިގެންނެވެ. ޤަދަރާއި ތައުޒީމު ދީގެންނެވެ.
ނަބިއްޔާ صلى الله عليه وسلمގެ ޤަދަރާއި މަޤާމާ ނުގުޅޭ ކަމެއް އަޅުގަނޑުމެންގެ ކުރިމަތީގައި ހިނގާ ނަމަ، އެ ކަމަކީ ގޯސް ކަމެއް ކަމަށް ބަޔާންކޮށް އެ ކަން ކުރާ ބަޔަކު އެ ކަމުން ދުރުވުމަށް ނަޞޭޙަތް ދީގެންނެވެ. ނަބިއްޔާގެ މަޤާމަކީ ފުރައްސާ ކުރެވޭ މަޤާމަކަށް އެއްވެސް ގޮތަކަށް ވެގެން ނުވާނެއެވެ.

ނޯޓް: މިއީ ޝައިހް ޝަފީއު އަބްދުﷲ ގެ ލިޔުމެކެވެ.