Last Updated: April 26, 20:10
Friday, April 26, 2024
ޚަބަރު

ޕޮލިސް ކޮލެޖް މުއައްސަސާތަކާ އެކީ މަޝްވަރާތަކުގައި

އައްޑޫ ޕޮލިސް ކޮލެޖްގައި ތައުލީމާއި ތަމްރީނުގެ ތަފާތު އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން އެކި މުއައްސަސާތަކާ ބައްދަލުކޮށް މަޝްވަރާކުރަން ފަށައިފި އެވެ.

އެގޮތުން އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާއި ސްކޫލްތަކާއި އެމްޓީސީސީ ފަދަ ތަންތަނާ އެކު މަޝްވަރާތަކެއް ބާއްވާފައިވެ އެވެ.

މާޗް މަހުގެ 27 ގައި ހުޅުވައި ބޭނުންކުރަން ފެށި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕޯލް) އަކީ ފުލުހުންގެ އިތުރުން ރާއްޖޭގެ ތަންފީޒީ ހުރިހާ އިދާރާތަކަށް ވެސް ބޭނުންކުރެވޭ ގޮތަށް ބައްޓަންވެފައިވާ ތަނެކެވެ. އެހެންވެ އެންތަނުގެ އިތުރުން އައްޑޫގެ އެހެން މުއައްސަސާތަކުން ވެސް ޕޮލިސް ކޮލެޖްގެ ބޭނުން ހިފުމަށް ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް އިލްތިމާސްކުރައްވާފައިވެ އެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަދިވެސް މަސައްކަތް ކުރިއަށްދާ އައްޑޫ ޕޮލިސް ކޮލެޖަކީ ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ފަދަ ވަސީލަތްތައް ހިމެނޭ ތަނެކެވެ.

ސީޕީ ވިދާޅުވެފައިވާ ގޮތުގައި އައްޑޫ ޕޮލިސް ކޮލެޖް ވާނީ ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ވެސް ޓްރެއިނިން ހަބަކަށެވެ.

"އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ މިތަނުގެ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ބައްޓަންވެގެން ދާނީ އޭޝިއާގެ އިތުރުން ދުނިޔޭގެ އެހެން ހިސާބުތަކުން ވެސް އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތްކުރާ ލޯ އެންފޯސްމަންޓް ދާއިރާތަކުގެ ޕާޓްނަރުން ބޭނުންކުރާނެ ސަރަހައްދީ ޓްރޭނިން ހަބެއްގެ ގޮތުގައި،" ޕޮލިސް ކޮލެޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ސީޕީ ވިދާޅުވި އެވެ.

އެގޮތުން ތަމްރީނާއި ތައުލީމާއި ރިސާޗް ފަދަ އެތައް މަސައްކަތްތަކަށް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ ދޮރު އަބަަދު ވެސް ހުޅުވިފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.