Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މޫސުމީ ބަދަލުތަކަށް މަސައްކަތްނުކޮށް ތިބުން ނުރައްކާ

ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތެއް ނުކޮށް ތިބެވެން ނެތް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ކްރޮސްރޯޑް މޯލްޑިވްސްގައި މިއަދު ބޭއްވި "ގްލާސްގޯ-ޝަރްމުއްޝައިޚް ވާކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން" ފެށުމުގެ ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް މަސައްކަތްނުކޮށް ތިބުމުގެ ނުރައްކާތެރިކަން ވަރަށް ބޮޑު ކަމަށާއި މިއީ މުޅި ދުނިޔެ އެކީގައި މަސައްކަތްކުރަން ޖެހޭ ކަމެއް ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ބަލިމަޑުތަކާއި ސަރަޙައްދީ ހަނގުރާމަތަކާއި އަދި އެތައް ގޮންޖެހުންތަކަކީ ވެސް މޫސުމަށް އަންނަ ބަދަލުތަކާ އެކި ގޮތްގޮތުން ގުޅިފައިވާ ކަންތައްތައް ކަމަށެވެ. އަދި ރާއްޖެ އަކީ ބިންތިރި ޖަޒީރާ ގައުމަކަށްވާތީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުމުގެ އަސަރު ރާއްޖެއަށް ބޮޑުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ކަނޑުތައް ހޫނުވުމާއި، ޖައްވު ހޫނުވުމުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވާ ނުރައްކާތަކަށް ފިޔަވަޅު އެޅުމަށް ކުރަންޖެހޭ އިންވެސްޓްމަންޓާއި ބޭނުންވާ ކަންކަން ވަރަށް ސާފުކޮށް އެނގެން އޮތް ނަމަވެސް އެކަމަށް ސިޔާސީގޮތުން ލިބެންވާ ސަމާލުކަން، ބޭނުންވާ މިންވަރާ ގާތަށްވެސް ނުލިބޭކަމާ، މާލީ އެހީތެރިކަން ލިބެމުން ނުދާކަން ފައިސަލް ފާހަގަކުރެއްވި އެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުން އިތުރަށް ލަސްވެގެން ދިއުމަކީ އެންމެ ނާޒުކު ޙާލަތުގައި ހުރި ގައުމުތަކުގެ ރައްޔިތުންނަށް ތަޙައްމަލު ކުރެވޭވަރުގެ ގެއްލުމެއް ނޫން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. އަދި ދުނިޔޭގެ ފިނިހޫނުމިން އިތުރުވުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ ފުރުޞަތު ވެސް، ފިޔަވަޅުތައް ނާޅައި ތިބެފި ނަމަ، ކުރިޔަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ގެއްލިގެން ހިނގައިދާނެ ކަމަށް ވިދާޅުވި އެއެވެ.

ފައިސަލް ވިދާޅުވީ މި އަހަރުގެ ނޮވެމްބަރު މަހު ޝަރްމުއްޝައިޚްގައި އޮންނަ ތިމާވެށީގެ ބޮޑު ބައްދަލުވުމަށް ދުނިޔޭގެ ގައުމުތަކުން ތައްޔާރުވާއިރު ޕެރިހާއި ގްލާސްގޯގައި ވެފައިވާ ވަޢުދުތައް ތަންފީޒުކުރެވި، ސިޔާސަތުތަކަކަށް ބަދަލުކުރެވި، މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެޑެޕްޓޭޝަނަށް ކުރަންޖެހޭ ކަންތައްތައް ކުރުން ވަރަށް މުހިންމު ކަމަށެވެ.

"ގްލާސްގޯ-ޝަރްމުއްޝައިޚް ވަރކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން" ޕްރޮގްރާމް ކުރިއަށް ދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ.