Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

ނެޓްފްލިކްސް އިން މުވައްޒަފުން މަދުކުރަނީ

ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު ދަށްވެ، އާމްދަނީ ވެސް ދަށްވަމުންދާތީ ހަރަދުތައް ކުޑަކުރުމުގެ ގޮޮތުން ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކުރަން ފަށައިފި އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ހިދުމަތް ބައްޓަންކުރާނެ ގޮތުގެ ޕްލޭންތައް މިހާރު ރާވަމުން އަންނަ އިރު، އެކި ޑިޕާޓްމަންޓްތަކުން މިހާތަނަށް 150 މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ދެ ޕަސެންޓް މުވައްޒަފުންނަކީ އެމެރިކާ އަށް ނިސްބަތްވާ މީހުންނެވެ. ނެޓްފްލިކްސް އިން ބުނީ މުވައްޒަފުން މަދުކުރަން ޖެހުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށާއި އެކަމަކު މި ދަނޑިވަޅުކަން އެކަން ކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.

"މިފަދަ ފިޔަވަޅެއް އަޅަން ޖެހުނީ އަހަރެމެންގެ ވިޔަފާރި އަށް އައި ހީނަރުކަމާ ހެދި. އަދި އަހަރެމެންގެ ހިދުމަތްތެރި މުވައްޒަފުންތަކެއް ދޫކޮށްލަން ޖެހުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން." ނެޓްފްލިކްސް އިން ބުންޏެވެ.

އެތަނުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގިނަ އަދަދެއްގެ ސަބްސްކްރައިބަރުންތަކެއް ގެއްލި އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ވެސް އިތުރު 2.5 މިލިއަނެއްކާ ސަބްސްކްރައިބަރުން ގެއްލޭނެ ކަމަށް ލަފާކުރެވޭތީ މި ދަނޑިވަޅަކީ ހަރަދުތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް ވެސް އަޅަން ޖެހިފައިވާ ވަގުތެކެވެ.

ނެޓްފްލިކްސް އިން ބުނެފައިވާ ގޮތުގައި އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ވެސް އިތުރު ދޫކޮށްލަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ނެޓްފްލިކްސްގެ ފުލްޓައިމް މުވައްޒަފުންގެ އަދަދަކީ 11،300 އެވެ. މީގެ ތެރެއިން 76 ޕަސެންޓަކީ އެމެރިކާ އާއި ކެނެޑާ އަށް ނިސްބަތްވާ މީހުންނެވެ.

ނެޓްފްލިކްސްގެ ވިޔަފާރި އަށް ހީވެސް ނުކުރާ ވަރުގެ ވެއްޓުމަކާ ކުރިމަތިލާން ޖެހުމުން ކުންފުނީގެ މެނޭޖްމަންޓުން މިހާރު އަންނަނީ ވިޔަފާރި އަލުން ކޮޅަށް ޖަހަން ގިނަ ރޭވުންތަކެއް ރާވަމުންނެވެ. އެގޮތުން މިހާރު ލައިވްސްޓްރީމިންގެ ހިދުމަތް ވެސް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.