Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

އިންޑިއާ ހައި ކޮމިޝަންގެ ފާރަށް "އިންޑިއާ އައުޓް"

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ހިންގާ އިމާރާތުގެ ބޭރު ފާރަށް "އިންޑިއާ އައުޓް" ސްޕްރޭކޮށްފި އެވެ.

ރޭގެ ވަގުތެއްގައި އެތަނުގެ ފާރަށް އެ ޝިއާރު ސްޕްރޭކޮށްފައި ހުރީ ރީނދޫ ކުލައިންނެވެ. "އިންޑިއާ އައުޓް" އަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި އިދިކޮޅު ޕާޓީތައް ކަމަށްވާ ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މީގައި އެންމެ އިސްކޮށް ހުންނަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

އިންޑިއާ ހައި ކޮމިޝަންގެ ފާރުގައި "އިންޑިއާ އައުޓް" ޖެހި އިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގެ، މާފަންނުވިލާގެ ފާރަށް ވެސް ނޫ ކުލައިން ސްޕްރޭކޮށްފައިވެ އެވެ. އަދި އިއްޔެ ރޭ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ގޭގެ ދޮރަށް ވެސް ސްޕްރޭކޮށްފައިވެ އެވެ.

"އިންޑިއާ އައުޓް" އަކީ ގައުމީ ސަލާމަތަށް ހުރެ ނުރައްކަލެއް ކަމަށް ރިޔާސީ ގަރާރަކުން ކަނޑައަޅާފައިވާ އިރު، މާލޭގެ އެކި ތަންތަނުގައި އެ ޝިއާރު ހިމެނޭ ބެނާތައް ދެމުމާއި ސްޕްރޭކުރުން އާންމުވެފައިވެ އެވެ. އަދި ފުލުހުން މިކަން ހުއްޓުވަން މަސައްކަތްކުރާ އިރު، "އިންޑިއާ އައުޓް" ލިޔާ ކަމަށް ތުހުމަތުކުރެވޭ މީހަކު އިއްޔެ ހައްޔަރު ވެސް ކޮށްފައިވެ އެވެ.