Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ބޯހިމެނުގެ މަސައްކަތަށް 4،400 މީހުން ބޭނުންވޭ

މި އަހަރުގެ ސެޕްޓެމްބަރުގައި ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިމެނުގެ މަސައްކަތުގައި ބައިވެރިވާނެ 4،400 މީހުން ހޯދަން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބޯހިމެނުގެ މަސައްކަތަށް މީހުން ހޯދަން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެގޮތުން މިހާތަނަށް 2،005 މީހުން ކުރިމަތިލާފައިވެ އެވެ. ނަމަވެސް ބޭނުންވާ ވަރަށް އަދިވެސް މީހުން ހަމަނުވާތީ އަލުން އިއުލާންކުރީ އެވެ. އެގޮތުން ބޯހިމެނުމުގައި ޓްރޭނަރުންނާއި އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ ނިޔަލަށެވެ.

ސްޓެޓިސްޓިކްސް އިން ބުނި ގޮތުގައި ބޯހިމެނުގެ މަސައްކަތަށް ވެރިރަށް މާލެއިން 2،049 މީހުން ހޯދާއިރު، މިހާތަނަށް ފޯމު މާލޭން ކުރިމަތިލީ އެންމެ 583 މީހުންނެވެ. ރަށްރަށުން 1،991 މީހަކު ހޯދާއިރު، މިހާތަނަށް 1،422 މީހަކު ފޯމު ހުށަހަޅާފައިވެ އެވެ.

ބޯހިމެނުގެ މަސައްކަތަށް މީހުން ހޯދަނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500ރ. ގެ އެލަވަންސެއް ވެސް ލިބޭ ގޮތަށެވެ. މީގެ އިތުރުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 10ރ. ގެ ފޯނު އެލަވަންސާއިދުވަހަކަށް 100ރ. ގެ އެލަވަންސެއް ވެސް ލިބޭނެ އެވެ.

ބޯހިމެނުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ގޮތަށް ބަލާ އިރު މާލޭގައި ބޯހިމެނުމަށް ބޭނުންވާ މައުލޫމާތު އެއްކުރުން އޮންނާނީ ސެޕްޓެމްބަރު 13 އާއި 14 ގަ އެވެ. އަދި ބޯހިމެނުމުގެ އަމަލީ މަސައްކަތް ހިނގާނީ 17-25 އަށެވެ..

ބޮޑެތި ރަށްތައް ބޯހިމެނުމަށް ބޭނުންވާ މައުލޫމާތު ސެޕްޓެމްބަރު 13 އާއި 14 އެއްކުރުމަށް ފަހު އަމަލީ މަސައްކަތް ކުރިއަށްދާނީ 17-22 އަށެވެ. އަދި ކުދި ރަށްތަކުގައި މައުލޫމާތު އެއްކުރުން ވެސް ސެޕްޓެމްބަރު 13 އާއި 14 ގައި ކުރިއަށް ގެންދިއުމަށް ފަހު، ބޯހިމެނުގެ އަމަލީ މަސައްކަތް ކުރާނީ ސެޕްޓެމްބަރު 17-21 އަށެވެ.