Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ދޫކޮށްލައިފި

"އިންޑިއާ އައުޓް" ކެމްޕޭން ހިންގާ މައްސަލާގައި ހައްޔަރުކުރި ރައްޔިތުމްގެ މަޖިލީހުގެ ހޯރަފުށީގެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް މިއަދު ދޫކޮށްލައިފި އެވެ.

ޕީޕިއެމަށް ނިސްބަތްވާ އިސްމާއީލް ކޯޓް އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރީ ސްޓާ ސިނަމާ ކައިރިން މަގުމަތިންނެވެ. އޭނާއާއެކު އިތުރު މީހަކު ވެސް ހައްޔަރުކުރި އެވެ. އެއީ އެމްޑީޕީން ވަކިވެ ފަހުން ޕީޕީއެމާ ގުޅުނު އެކްޓިވިސްޓް އަލީ ނަސީމް (ތަކަނޭ) އެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލަ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އިސްމާއިލް ދޫކޮށްލަން އަމުރުކޮށްފަ އެވެ. އަދި ތަކަނޭގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފަ އެވެ.

"އިންޑިއާ އައުޓް" ކެމްޕޭނާ ގުޅިގެން އިސްމާއީލް އިއްޔެ ހައްޔަރުކުރި އިރު އެ މައްސަލާގައި ކުރިން ވެސް އޭނާ ހައްޔަރުކުރަން އަމުރެއް ނެރެދިނުމަށް ފުލުހުން އެދުމުން، ކްރިމިނަލް ކޯޓުން އެ އަމުރު ނެރެދީފައެއް ނުވެ އެވެ.

އިސްމާއީލަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި ރާއްޖޭގެ އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރްސީގެ ފައިސާ ގޯނީގައި އުފުއްލެވި ކަމަށް އަމިއްލަ އަށް ވިދާޅުވި ބޭފުޅާ އެވެ.

"އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ރިޔާސީ ގަރާރަކުން މިދިޔަ މަހު ކަނޑައަޅާފައިވެ އެވެ.