Last Updated: April 26, 20:24
Friday, April 26, 2024
މުނިފޫހިފިލުވުން

ބައި ގަރުނު ފަހުން "އާނަންދު" އަލުން ހަދަނީ

މީގެ ބައި ގަރުނަށް ވުރެ ގިނަ ދުވަސް ކުރިން ހިންދީ ސިނަމާ އަށް އައި ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ ރާޖޭޝް ކަންނާގެ "އާނަންދު" ގެ ރިމޭކެއް ހަދަން ނިންމައި އެ ފިލްމު އިއުލާންކޮށްފި އެވެ.

އަމީތާބް ބައްޗަނާއި ސުމީތާ ސަނިއާލް ވެސް މުހިއްމު ރޯލުތަކެއް ކުޅުނު 1971 ގެ ފިލްމު އަލުން ހަދަން ނިންމީ އޮރިޖިނަލް ފިލްމުގެ ވެސް ޕްރޮޑިއުސަރު އެންސީ ސިއްޕީގެ ކާފަދަރި ސަމީރު ރާޖް ސިއްޕީ އެވެ. ނަމަވެސް "އާނަންދު" ގެ އާ ފިލްމު ޑައިރެކްޓްކުރާނެ މީހަކާއި ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ.

މި ފިލްމަކީ ނާދިރުގެ ކެންސަރުގެ ބާވަތަކާ ހަނގުރާމަކުރާ މީހަކު އޭނަގެ ހަޔާތުގެ ބާކީ އޮތް ދުވަސްތައް އުފާވެރިކޮށް ހޭދަކުރަން ކުރާ ގޮތް ދައްކުވައިދޭ ވަރަށް އަސަރު ގަދަ ޑްރާމާއެކެވެ. "އާނަންދު" ގެ ޓައިޓްލް ރޯލު ރާޖޭޝް ކަންނާ ކުޅުނު އިރު، އަމީތާބް ކުޅެފައި ވަނީ ޑރ. ބާސްކަރް ބެނަޖީގެ ރޯލެވެ.

މި ފިލްމަކީ 1971 ގެ ނެޝަނަލް ފިލްމު އެވޯޑްސްގައި އެންމެ މޮޅު ހިންދީ ފިލްމުގެ މަގާމު ވެސް ލިބުނު ފިލްމެވެ. އަދި ފިލްމުފެއާ އެވޯޑްސްގައި މައިގަނޑު ހަތް ކެޓަގަރީއަކުން ނޮމިނޭޓްވެ ހަ ކެޓަގަރީއަކުން އެވޯޑް ހޯދި އެވެ. އޭގެ ތެރޭގައި ރާޖޭޝް ކަންނާ އަށް ލިބުނު މޮޅު އެކްޓަރުގެ އެވޯޑާއި އަމީތާބަށް ލިބުނު މޮޅު ސަޕޯޓިން ބަތަލުގެ އެވޯޑާއި މޮޅު ވާހަކަ އާއި މޮޅު ޑައިލޮގާއި މޮޅު އެޑިޓިންގެ އިތުރުން މޮޅު ފިލްމުގެ އެވޯޑް ހިމެނެ އެވެ.

"އާނަންދު" ގެ ލަވަތަކުގެ ތެރެއިން "ކަހީ ދޫރު ޖަބް ދިން ދަލް ޖާއޭ" އަކީ މިހާރު ވެސް ވަރަށް މަޝްހޫރު ލަވައެކެވެ.