Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

އިސްލާމީ މަރުކަޒެއް ޑިޒައިންކުރަން މުބާރާތެއް

އެއް މިލިއަން ރުފިޔާގެ އިނާމަކާ އެކު ހުޅުމާލެ ފޭސް ދޭއްގައި އިސްލާމީ މަރުކަޒެއް ބިނާކުރަން ނިންމައި އޭގެ ޑިޒައިން މުބާރެއްގެ ގޮތުގައި ކުރިއަށް ގެންދަން އާންމުކޮށް އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

ޒަމާނީ ފެންވަރުގެ އިސްލާމީ މަރުކަޒެއް ބިނާކުރުމުގެ ގޮތުން އެ މިސްކިތް ޑިޒައިންކުރަން ރާއްޖޭގެ އާކިޓެކްޗަރަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އަމާޒަކީ ތަފާތު މޮޅެތި ޚިޔާލުތަކަށް ފުރުސަތު ދީގެން ފޭސް ދޭއްގެ އިސްލާމީ މަރުކަޒު ބިނާކުރުމެވެ.

އެތަން ޑިޒައިން ކުރަން ކުރިއަށް ގެންދާ މުބާރާތުން އެއް ވަނަ އަށް 700،000ރ. ހުށަހަޅާފައިވާ އިރު ދެވަނަ އަށް 200،000ރ. އަދި ތިން ވަނަ އަށް 100،000ރ. ދޭން ހަމަޖެހިފައިވެ އެވެ.

އިސްލާމީ މަރުކަޒުގެ ޑިޒައިންގައި ނަމާދުކުރެވޭނެ ތަނަކާއި ޕާކިން އޭރިއާ އާއި، އޮފީސް ބަޔަކާއި، މަލްޓީޕާޕަސް ހޯލާއި ސެމިނާ ރޫމާއި، ލައިބްރަރީ އަދި ސްޓާފް ކެންޓީނާއި ކްލާސްރޫމްތަކާއި ކޮމާޝަލް އޭރިއާއަކާއި ރެކްރިއޭޝަނަލް އޭރިއޭއެއް ވެސް ހިމެނޭނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ބައިތައް ހިމަނައިގެން ހުށަހަޅާ ޑިޒައިނަކީ ތަފާތު އާ ޚިޔާލަކަށް ހަދާ ޑިޒައިނަކަށްވާ އިރު އެއްވެސް ތަނަކުން މިހާތަނަށް ބޭނުންކޮށްފައިވާ ޑިޒައިނަކަށްވެގެން ނުވާނެ އެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އަންނަ އޮގަސްޓް މަހުގެ 25 އާ ހަމައަށް ވަނީ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މުބާރާތާ ގުޅޭ އެއްވެސް މަޢުލޫތެއް ބޭނުން ނަމަ އަންނަ މަހުގެ 7 ގެ ކުރިން މިނިސްޓްރީގެ މެއިލް competitions@islamicaffairs.gov.mv މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ އެވެ.

މެއިލްކުކުރާ ސުވާލުތަކަށް އަންނަ މަހުގެ 13 ގެ ކުރިން ޖަވާބުދޭނެ އެވެ.