Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

ފްލައިން ސްކޫލް ދަރިވަރުންގެ އުދުހުން ފަސްވެއްޖެ

އޭވިއޭޝަން އެކެޑެމީގައި ބޭނުންކުރުމަށް ގެނެސްފައިވާ ބޯޓެއް: ފޮޓޯ: އޭވިއޭޝަން އެކެޑެމީ

އައްޑޫގައި ހިންގާ ފްލައިން ސްކޫލް، މޯލްޑިވްސް އޭވިއޭޝަން އެކެޑަމީގައި ކިޔަވަމުންދާ ދަރިވަރުންގެ ފްލައިން ސެޝަންތައް އަނެއްކާވެސް ފަސްވެއްޖެ އެވެ.

ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ހަދާފައިވާ މޯލްޑިވްސް އޭވިއޭޝަން އެކަޑެމީގެ ކިޔެވުން ފެށީ މިދިޔަ ޖެނުއަރީ 10 ވަނަ ދުވަހު އެވެ.

ދަރިވަރުންގެ ފްލައިން ފެށުމުގެ ކުރިން ފުރަތަމަ ގެންދިޔައީ ރިފްރެޝާ ޕްރޮގްރާމެއް ކަމަށްވާއިރު އެ ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި 35 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އަދި ދެވަނަ ބެޗުގައި ހިމެނޭ ދަރިވަރުންނަސް ރިފްރެޝާ ޕްރޮގްރާމް މިހާރު ފަށާފައިވާއިރު ފުރަތަމަ ބެޗުގައި ހިމެނިގެން އެ ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންގެ އުދުހުން ފަށަން މީގެކުރިން ނިންމާފައި އޮތީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ނަމަވެސް އެ މުއްދަތުގައި ދަރިވަރުންގެ އުދުހުން ފެށިފައެއް ނުވެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މަހު ވެސް އެ ދަރިވަރުންގެ އުދުހުން ނުފެށޭނެ ކަމަށް މިހާރު ވަނީ ބެލެވެން ފަށާފަ އެވެ. ނަމަވެސް އުދުހުން ނުފެށި ލަސްވާ ސީދާ ސަބަބެއް މޯލްޑިވިއަނުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މޯލްޑިވްސް އޭވިއޭޝަން އެކެޑަމީގެ ދެ ބޯޓެއް އައްޑޫ އަށް ގެނެސްފައިވާއިރު، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ކުރިން ފްލައިން ސްކޫލު ހިންގި ސްރީލަންކާގެ އެކެޑަމީ އޮފް އެއިރޯނޯޓިކްސް (އޭއޭއޭ) އިން ބޭނުންކުރި ދެ ބޯޓެއްވެސް މޯލްޑިވްސް އޭވިއޭޝަން އެކެޑަމީ އަށް ވަނީ ގަނެފަ އެވެ.

މި ފްލައިން ސްކޫލު ހިންގަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑެމީ އެވެ.