Last Updated: April 27, 06:22
Saturday, April 27, 2024
މުނިފޫހިފިލުވުން

އާލިއާ އެދުނީ ހެޔޮދުއާ އަށް

ސޮއިކުރި ފުރަތަމަ ހޮލީވުޑްގެ ފިލްމު "ހާޓް އޮފް ސްޓޯން" ގެ މަސައްކަތަށް އިނރޭސިވިލާތަށް އިއްޔެ ފުރަމުން ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ފޭނުންގެ ފަރާތުން ހެޔޮދުއާ އަށް އެދިއްޖެ އެވެ.

ފްލައިޓްގެ ތެރޭގައި ނަގާފައިވާ ފޮޓޯއަކާ އެކު އިންސްޓަގްރާމްގައި 28 އަހަރުގެ ބަތަލާ ބުނީ ސޮއިކުރި ފުރަތަމަ ހޮލީވުޑްގެ ފިލްމުގެ މަސައްކަތަށް ފުރީ ކަމަށެވެ.

"އިހުސާސްކުރެވެނީ އަނެއްކާ ވެސް މުޅިން އަލަށް އިންޑަސްޓްރީ އަށް ނުކުތް މީހެއް ގޮތަށް. ވަރަށް ނާވަސް ވެސް ވޭ." 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިން އެކްޓީން އަށް ހުނަރުވެރި ބަތަލާ ބުންޏެވެ.

މިދިޔަ މަހު ރަންބީރް ކަޕޫރާ ކައިވެނިކުރި އާލިއާ ވަނީ ހޮލީވުޑްގެ ފިލްމުގެ މަސައްކަތް ފަށާތީ ފޭނުން އޭނަ އަށް ހެޔޮދުއާކޮށް ދޭން އެދުމުން ގިނަ ބަޔަކު ޕޯސްޓަށް ކޮމެންޓްކޮށް މަރުހަބާ ކިޔައި، ހިތްވަރު ވެސް ދީފައިވެ އެވެ. "ހާޓް އޮފް ސްޓޯން" އަކީ ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ "ވޮންޑަ ވުމަން" ގެ ބަތަލާ ގަލް ގެޑޯ އާއި "ފިފްޓީ ޝޭޑްސް" ޓްރިލޮޖީގެ ބަތަލު ޖެމީ ޑޯނަން ވެސް ކާސްޓްގައި ހިމެނޭ ފޮލްމެކެވެ. ނެޓްފްލިކްސްއާ ގުޅިގެން ހަދާ މި ފިލްމުގެ ޑައިރެކްޓަރަކީ ޓޮމް ހާޕާ އެވެ.

މި ފިލްމުގެ ޝޫޓިން އަށް އާލިއާ ފުރި އިރު އޭނާ ގެންދިޔައީ ކަރަން ޖޯހަރް އަންނަ އަހަރުގެ ފެބްރުއަރީ 10 ގައި ގެނެސްދޭން ނިންމާފައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ ފިލްމުފެ ޝޫޓިންގެ ވަރަށް ބޮޑު ބައި މިހާރު އޮތީ ނިމި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ހާޓް އޮފް ސްޓޯން" ގެ މަސައްކަތް އާލިއާ އަންނަ އޮގަސްޓް މަހާ ހަމައަށް ކުރާނެ އެވެ.

ކާމިޔާބު ބަތަލާގެ ދެ ފިލްމެއް މި އަހަރުގެ މިހާތަނަށް ރިލީޒްވެފައިވެ އެވެ. އެއީ "ގަންގޫބާއީ ކަތިއަވާޅީ" އާއި "އާރްއާރްއާރް" އެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު 9 ގައި އާލިއާ އާއި ފިރިމީހާ ރަންބީރްގެ "ބުރައްމަސްތުރާ" ރިލީޒްކުރާނެ އެވެ.