Last Updated: April 26, 11:19
Friday, April 26, 2024
މުނިފޫހިފިލުވުން

އުނޫޝާގެ ފަރާތުން "ތާނަ މަޖާ"

ދިވެހި ބަހަށް ތުއްތު ކުދިންގެ ހިތްތަކުގައި ޝައުގާއި ލޯބި އުފެއްދުމާއި ބަސް ދިރުވައި އާލާކުރުމުގެ މަގުސަދުގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) "ތާނަ މަޖާ" ގެ ނަމުގައި މަސައްކަތްތަކެއް ފަށައިފި އެވެ.

ބަހަށް ހާއްސަކޮށްގެން އޭނާ އާއި ވަރުގަދަ ޓީމަކުން ފެށި މަސައްކަތުގެ ތެރެއިން މިހާރު ވަނީ "ތާނަ މަޖާ" ޓީޒާއެއް ވެސް ދައްކާލައިފަ އެވެ. މީގެ ވާހަކަ އިންސްޓަގްރާމްގައި ހިއްސާކޮށް "މޯލްޑިވިއަން އައިޑޮލް" ގެ ޖަޖްކަން ވެސް ކޮށްފައިވާ އުނޫޝާ ބުނީ މިއީ ރާއްޖޭގެ ހުރިހާ ތުއްތު ކުދިންނަށް ޚާއްސަކޮށްގެން ގެނެސްދޭން މަސައްކަތެއް ކަމަށެވެ.

"ތާނަ މަޖާގެ މި މަސައްކަތް ހާއްސަމިކޮށްލަނީ އަޅުގަނޑުމެންގެ ދިވެހި ބަހަށް. މި މަސައްކަތުގައި އަޅުގަނޑާ އެކު އެހީތެރިވެދިނުމުގައި ވަރަށް ހުނަރުވެރި ޓީމެއް ބައިވެރިވޭ." އުނޫޝާ ބުންޏެވެ.

‎އޭނާ ބުނި ގޮތުގައު "ތާނަ މަޖާ" ގެ މަގުސަދަކީ ދިވެހި ބަހަށް ކުރާ ގަދަރާއި އޮތް ލޯބި އިތުރަށް އާލާކޮށް ދިރުވައި، އަންނަން އޮތް ޖީލުތަކަށް އަހާހިތްވާ، ބަލާހިތްވާ ގޮތަށް ދިވެހީންގެ ދިވެހި މާދަރީބަސް ދައްކާލަދީ އަހުލުވެރިކުރުވުމެވެ.

‎"ޝައުގުވެރި އުފެއްދުންތެރި އަމިއްލަވަންތަ ރީތި ރާގުތަކަކަށް ހިތްގައިމު ނަލަ މަންޒަރުތަކަކުން ހުށަހަޅާލަ ދިނުމުގެ ހެޔޮ ނިޔަތުގައި އަޅުގަނޑާއި ޓީމް މިއޮތީ ތައްޔާރަށް. މިކަމުގައި ތަފާތު ޓީވީ ޝޯތަކާ ރޭވުންތެރި އެތައް އެތައް ވިސްނުމަކާއެކު އަޅުގަނޑުމެން ތި ބޭފުޅުންނާ ބައްދަލުކުރާނަން." އުނޫޝާ ބުންޏެވެ.

‎އޭނާ ބުނީ "ތާނަ މަޖާ" ގެ މި މަސައްކަތުގައި، މުޅިން އާ ހާށަވިޔަނީގެ ތީމް ލަވައެއް، ހާށަވިޔަނީގެ ކޮންމެ އަކުރަކަށް ވަރަށް ރީތި ލަވައެއް، ޓީވީ ޝޯތަކާއި ސްޓޫޑިއޯ ޕްރޮގްރާމްތައް އަދި ކުޑަކުދިންގެ މުޅިން އާ ލަވަތައް ގެނެސްދެވޭތޯ މަސައްކަތް ކުރާނެ އެވެ.

‎"އަޅުގަނޑުމެން ބޭނުން ވަނީ މަޖާ ލަވަތަކާއި، ވީޑިއޯތަކާއި ކުޅިވަރުތައް މެދުވެރިކޮށް ދިވެހި ބަސް ދަސްކޮށް، ރީތި އާދަތަކަށް ހުރިހާ ކުދީންގެ ޝައުގުވެރިކަން އިތުރުވެދިޔުން." އުނޫޝާ ބުންޏެވެ.